އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ) އަކީ އަނބުރާ ގެންދާނެ ގާނޫނީ އިސްލާހެއް ނޫންކަމަށާ، އެ އިސްލާހަކީ މުސްލިމު ރަށްވެހިންނަށް އޮތް ނުރައްކަލެއް ނޫންކަމަށް، އިންޑިއާގެ ޔޫނިއަން މިނިސްޓާ އޮފް މައިނޯރިޓީ އެފެއާޒް މުޚުތާރު ޢައްބާސް ނަގުވީ ވިދާޅުވެއްޖެއެވެ.

މީޑިއާއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަގުވީ ވިދާޅުވީ ސީއޭއޭއާއި ބެހޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް ވާހަކަ ދައްކަމުންދަނީ އެމީހުންގެ ޒާތީ ފައިދާއަށް ކަމަށާ، އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ އޮތީ، ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުން އެކުލެވޭ މުޖުތަމައެއް ގާއިމު ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ރަށްވެހިކަމަށް، ސީއޭއޭގެ ސަބަބުނ އެއްވެސް ނުރައްކަލެއް ނެތްކަމަށްވެސް ނަގުވީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހަކީ އެއްވެސް ހާލެއްގައި އިންޑިއާގެ ރަށްވެހިންގެ ގޮތުގައި މިހާރު ތިބި މީހުންނަށް ނުރައްކަލެއް އެކަމުގައި އޮތް އިސްލާހެއް ނޫންކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ސަރުކާރުގެ ވެރިކަން ކުރާ ޕާޓީއިން ދަނީ ބުނަމުންނެވެ.

1955 ވަނަ އަހަރު އެކުލަވާލި އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު ބުނާ ގޮތުގައި ހަމަ ކޮންމެ މީހަކަށްވެސް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅިދާނެއެވެ. މިހާރު ގެނެސްގެން އުޅެނީ ވަކި އިސްލާހެއް ކަމަށާ، ފާއިތުވީ 5 ވަރަކަށް އަހަރު ދުވަހަށް ބަލާއިރުވެސް 500 އެއްހާ މުސްލިމުން، އިންޑިއާގެ ރަށްވެހިކަން ހޯދާފައިވާކަމަށް ބީޖޭޕީއިން ބުނެފައެވެ. މިއަދުވެސް އިންޑިއާގެ ރަށްވެހިކަމަށް މުސްލިމުން އެދޭނަމަ އެކަން ހަމަޖެހިގެންދާނެ ކަމަށާ، އެކަން ހިނގަމުންދާނީ ވަކި އިޖުރާއަތެއްގެ ދަށުން ކަމަށްވެސް ނަގުވީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް 'ކެބް'އާއި ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ސީބީސީ

މިމޭރުމުން ވާހަކަދައްކަވަމުން ނަގުވީ ވިދާޅުވީ، އިންޑިއާގައި މުސްލިމުން ދިރިއުޅެނީ މަޖުބޫރީ ހާލެއްގައި ނޫންކަމަށާ، ނަމަވެސް މުސްލިމުން ދިރިއުޅެމުންދަނީ ހަމަޖެހޭ އަރާމު ދިރިއުޅުމެއް ކަމަށެވެ.

އިންޑިއާގެ ރަށްވެހިކަމަށް ގާނޫނަށް ގެނައި އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ.