1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ތަޅާލި އިންޑިއާގެ ބާބްރީ މަސްޖިދުގެ ބިންގަލާ އެ މިސްކިތުގެ ގާކުނޑީގެ މިލްކުވެރިކަން ހޯދުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިންޑިއާގެ މުސްލިމު ޕާޓީތަކުން ނިންމައިފިއެވެ.

ޒާމާންވީ އިސްލާމީ ތާރީހެއް އޮތް ބާބްރީ މަސްޖިދު ހުރި ބިމަކީ ހިންދޫންނަށް މިލްކުވެގެންވާ ބިމެއް ކަމަށާ، އޭގެ ބަދަލުގައި މުސްލިމުންނަށް އެހެން ބިމެއް ދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ހާޖީ މަހްބޫބު އަހުމަދު (ވ) އަކީ ބާބްރީ މިސްކިތުގެ މިލްކުވެރިކަން މުސްލިމުންނަށް ހޯދާދިނުމަށް ވަކާލާތުކުރާ މީހެއް/ފޮޓޯ: ދާނިޝް ސިއްދީގީ| އިޓާޒް

ކަންމިހެން އޮތްއިރު، ބާބްރީ މަސްޖިދުގެ ބިންގަލާ ގާކުނޑީގެ މިލްކުވެރިކަން ހޯދުމަށް މުސްލިމުން ނިކުތުމަށް ހިންދޫން ދެކޮޅު ނުހަދާ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ. އެއީ މުސްލިމުންގެ ހައްގެއް ކަމަށް ހިންދޫން ގަބޫލުކުރާ ކަމަށާ، އެއީ އަޚުވަންތަކަމާ އިޖުތިމާއީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ހިންދޫން ބުނާ ކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ މުސްލިމުންގެ ޕްލެޓްފޯމެއް ކަމަށްވާ އޯލް-އިންޑިއާ މިއްލީ ކައުންސިލްގެ ޖެނެރަލް ސެކްރެޓަރީ ޚާލިގު އަހުމަދު ހާން ވިދާޅުވީ، ބާބްރީ މަސްޖިދުގެ ސްޓްރަކްޗާއަކީ މުސްލިމުންގެ ހައްގެއް ކަމަށާ، އެ މަސްޖިދުގައި 3 ގަރުނުވަންދެން މުސްލިމުން ނަމާދު ކުރިކަން ސުޕްރީމް ކޯޓުންވެސް ބަލައިގެންފައިވާކަމަށެވެ.

ބާބްރީ މަސްޖިދު ހުރި ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމު ދުށް އެންމެ ނުރައްކާތެރި ލޭ އޮހުރުވުންތަކުގެ ފަހަތުގައި އޮތް މައްސަލައެވެ. މީލާދީޏް 16 ވަނަ ގަރުނުގެ ތެރޭގައި ބިނާކުރި ބާބްރީ މަސްޖިދަށް 1992 ވަނަ އަހަރު ހިންދޫން ހަމަލާ ދިނުމާއެކު ދެ ބައި މީހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގިއެވެ. މި ހަމަނުޖެހުންތަކުގައި 2000އެއްހާ މީހުން މަރުވިއިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.