އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)ގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުން ދަނީ ދޮގު މައުލޫމާތު ކަމަށް ވިދާޅުވެ، އެ ގާނޫނީ އިސްލާހުގައި ބައެއްގެ ރަށްވެހިކަން ގެއްލިދާފަދަ އެންމެ މާއްދާއެއް އޮތް ނަމަ އެ މާއްދާއެއް ހާމަކޮށްދެއްވުމަށް އެދި، އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓި ކަމަށްވާ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއަށް، އެގައުމުގެ ޔޫނިއަން ހޯމް މިނިސްޓަރު އަމީތު ޝާހް ގޮންޖައްސަވައިފިއެވެ.

ޝާހް ވިދާޅުވީ، ސީއޭއޭ ފަރުމާކޮށްފައި ވަނީ އާބާދީގެ ނިސްބަތުން ބައިމަދު މީހުންގެ ރަށްވެހިކަން ގެއްލިދާ ފަދަ ގޮތަކަށް ކަމަށް ބުނެ ކޮންގްރެސްއިން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. ނަމަވެސް މިފަދަ ވާހަކަތައް ފަތުރައިގެން ސުލްހަ ނަގާލައި، ހަމަ މަގުން މީހުން އެއްކިބާ ކުރުމަކީ، ކޮށްގެން ވާނެ ކަމެއް ނޫންކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ރަށްވެހިކަމަށް ގާނޫނަށް ގެނައި އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ.

ސީއޭއޭއާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، މި މުޒާހަރާތަކުގެ ތެރޭގައި ހިންގި އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 27 އަށް އަރާފައެވެ.