18 އަހަރަށްވުރެ ގިނަ ދުވަސްވީ ހަނގުރާމައެއް ކުރަމުންދާ އަފްގާނިސްތާނުގައި ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މަރުވި އާންމު ރައްޔިތުންގެ އަދަދު 100000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އދއިން ބުނެފިއެވެ.

މިއާއެކު އދއިންވަނީ އަފްގާނިސްތާނުގައި ދިގުލާ ގޮސްފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް ސުލްހަ ގާއިމުކުރުމަށް އިހުލާސްތެރިކަމާއެކު ބިނާކުރަނިވި ފިޔަވަޅުތަކެއް އެޅުމަށް، މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.

އަފްގާނިސްތާނުގައި ހިންގާ އދގެ މިޝަން (އުނަމާ)ގެ އިސްވެރިޔާ ތަދަމިޝީ ޔަމަމޯޓޯ ވިދާޅުވީ، އަފްގާނިސްތާނުގައި ހިންގަމުންދާ ހަނގުރާމައިގެ ތަކުލީފުތައް އުފުލަންޖެހިފައިވާ މީހުންނަކީ އަފްގާނިސްތާނުގެ އާންމު ރައްޔިތުން ކަމަށެވެ. ކަންމިހެން އޮތްއިރު ސުލްހައިގެ މަގަށް މަގު ތަނަވަސް ކުރުމަށްޓަކައި ހަމަނުޖެހުންތައް ކުޑަކުރެވިފައިވާ ވެއްޓެއް ގާއިމުކުރުމަކީވެސް ބިނާކުރަނިވި ނަތީޖާތަކަކަށް ފުރުސަތު ލިއްބައިދެނިވި ކަމެއް ކަމަށްވެސް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޔަމަމޯޓޯ ވިދާޅުވީ އަފްގާނިސްތާނުގެ ސުލްހައަށް ކުރަމުންދާ މަސައްކަތުގައި އެގައުމުގެ ޒުވާނުންނާ އަންހެނުންގެ ބައިވެރިވުން ހިމެނުމަކީ މުހިންމު ކަމެއް ކަމަށާ، އަފްގާނިސްތާނަށް މިލްކުވެގެންވާ ސުލްހައެއް ގާއިމުކުރުމަށް، މިއީ ކޮންމެހެންވެސް ބޭޏުން ކަމެއް ކަމުގައެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާތާ އަހަރުތަކެއް ވެފައިވީ ކަމުގައި ވީ ނަމަވެސް، މިކަމަށް އަދިވެސް އޮތީ ބިނާކުރަނިވި ނަތީޖާ ދައްކަނިވި ހައްލެއް ނުލިބިއެވެ.