މޭޔާ ޗާލީ މެކްމިލާން ތައްޔާރުވަމުން ދިޔައީ ހެނދުނުގެ ނާސްތާއަށެވެ. ސުފުރާ މަތީގައި ހުރީ ހޫނު ބުއްފުޅިއަކާއި ޕިއުރީ ތައްޓެކެވެ.

ޗާލީ މެކްމިލާންއަކީ އާދައިގެ އޮފިޝަލެއް ނޫނެވެ. އުމުރުން އެންމެ 7 މަހުގައި ސިޓީ މޭޔަރެއްގެ ގޮތުގައި ހުރި ޗާލީ މެކްމިލާންއަކީ ދަރިވައްޓާލުމާ ދެކޮޅަށް އެމެރިކާގައި ފަށާފައިވާ ހާއްސަ ހަރަކާތުގެ މޫނެވެ.

"މޭކް އެމެރިކާ ކައިންޑް އަގެއިން" މި ޝިއާރާއެކު، އެމެރިކާގެ ޓެކްސަސްގެ އޮނަރަރީ މޭޔާރު ކަމުގެ މަގާމު ޗާލީ މެކްމިލާންއަށް އެރުވީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ޝިއާރަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭންތަކުގައި ބޭނުންކުރައްވާ "މޭކް އެމެރިކާ ގްރޭޓް އަގެއިން"އަށް ކުޑަ ބަދަލެއް ގެނައުމަށްފަހު އެކުލަވާލި ޝިއާރެއް ކަމުން، މޭޔާ ޗާލީ މެކްމިލާންގެ މަގުބޫލުކަން ވަކިން ބޮޑުވިއެވެ.

ދަރިވައްޓާލުމާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ކެމްޕޭންގެ ރަމްޒީ މޭޔަރު ޗާލީ މެކްމިލާން/ފޮޓޯ: އޭއެފްޕީ

ދަރިވައްޓާލުމާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ޝިއާރުތަކުގެ ރަމްޒެއްގެ ގޮތުގައި ޗާލީ މެކްމިލާންގެ މައުސޫމު މޫނުކޮޅު ބޭނުންކުރަމުން އަންނަ މިދަނޑިވަޅަކީ އެމެރިކާގެ ބައެއް ހިސާބުތަކުގައި ދަރިވައްޓާލުމަކީ ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި އޮތް އޮތުމަށް ބަދަލު ގެނެސް، ގިނަ ބަޔަކު ނުތަނަސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ދަނޑިވަޅެކެވެ.

ޗާލީ މެކްމިލާންގެ މިހާރުގެ ބެލެނިވެރިންނަކީ އޭނާގެ އުފަން މައިންބަފައިންނެއް ނޫނެވެ. ޗާލީ އަކީ އެމީހުން ބޭނުންވި ދަރިއަކަށް ނުވި ކަމުގައި ވީނަމަވެސް ދަރިފުޅު ވައްޓާނުލާ ދުނިޔެއަށް އުފަންކޮށް، އެހެން މީހަކާ ޗާލީގެ ބެލެނިވެރިކަން ހަވާލުކުރިއެވެ. މިއަދު ޗާލީގެ ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ އޭނާގެ ދެވަނަ މައިންބަފައިންނެވެ.

ދަރިވައްޓާލުމާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ކެމްޕޭންގެ ރަމްޒީ މޭޔަރު ޗާލީ މެކްމިލާން/ފޮޓޯ: އޭއެފްޕީ

ދަރިވައްޓާލުމާ ދެކޮޅަށް މަސައްކަތްކުރާ މޭޔަރެއްގެ ގޮތުގައި ޗާލީ މެކްމިލާން އެންމެ ފުރަތަމަ ނެރުނީ ސަމާސާއަކަށެވެ. ނަމަވެސް، އެކަމުގެ ސަބަބުނ ކުރި އަސަރު ބޮޑުވެ، އެކަމުން އެދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމަށް ބަލާ، ރަމްޒީ ޝަރަފު ޗާލީ މެކްމިލާންއަށް ދިނީއެވެ.

ރަމްޒީ މޭޔަރުކަމުގެ މަގާމާ ޗާލީ މެކްމިލާން ރަސްމީކޮށް ހަވާލުވީ މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މޭޔާ ޗާލީ މެކްމިލާންގެ އެންމެ ހާއްސަ ސިފައަކީ އޭނާއަކީ އެމެރިކާ ބައިވެފައިވާ 2 ފިކުރު ކަމަށްވާ ރިޕަބްލިކަންސްއާއި ޑިމޮކްރަޓުން ކުރެ އެއްކޮޅަކަށްވެސް އޭނާ އަދި ބުރަ ނުވާކަމެވެ.