ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭތީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލް ތަކުން އަންހެނުންނަށް ވަކި ދާއިރާތަކެއް ހާއްސަ ކޮށް، އެ ދާއިރާތައް ވަނީ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އަދި އެކްޓިވިސްޓެއް ކަަމަށްވާ މޫސާ އަންވަރު ކުރި ޓްވީޓެއްގައި ވަނީ، އޭނާ ނިސްބަތްވާ ހިތަދޫ 3، ބޭރުމަތި ދާއިރާއަށް އަންނަ އިންތިހާބުގައި ފިރިހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް އީސީއިން ނިންމާފައިވާ ނިންމުމާއި އެގާނޫނު ބާތިލް ކޮށްދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

"މިހާރުވެސް މިދާއިރާގައި ހުރީ އަންހެން ކައުންސިލަރެއް ފިރިހެނުންނާ ވާދަ ކޮށްގެން ހޮވިފަ، އެންމެ މުހިންމު ފަންޑަމެންޓަލް ރައިޓެއް ކަމަށްވާ މިނިވަން ކަމާއެކު މަންދޫބުން އިންތިހާބު ކުރުމާއި އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު މުތުލަގުކޮށް ގުރުއަތަކުން ފޭރި ގަތުމަކީ ގާނޫނީ ޖޯކެއް،" މޫސަގެ ޓްވީޓްގައިވެއެވެ.

އަންހެނުންނަށް ހާއްސަ ކުރި ދާއިރާތައް ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެގޮތުން މާލޭގެ 18 ދާއިރާއެއްގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައި ވާއިރު، އައްޑޫގެ 12 ދާއިރާއިން ހަތަރު ދާއިރާއެއް އަދި ފުވައްމުލަކުގެ 6 ދާއިރާގެ ތެރެއިން 2 ދާއިރާއެއް ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައެވެ.

މި ފަހަރު ދާއިރާތަކުގެ ނަންތަކުގެ ގޮތުގައި ދީފައި ވަނީ ނަމްބަރުތަކެކެވެ. އެގޮތުން ކޮންމެ އަވަށެއް ވަނީ ގިނަ ދާއިރާތަކަކަށް ބަހާލައި، ނަމްބަރު ދީފައިއެވެ.

އެގޮތުން މާލެއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ މާލެ ސިޓީގެ 2 އަދި 4 (ހެންވޭރުގެ ބައެއް)، 9 (މައްޗަންގޮޅީގެ ބައެއް)، 12 އަދި 14 (މާފަންނުގެ ބައެއް) އަދި 18 (ވިލިމާލެ) އެވެ. އައްޑޫއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ އައްޑޫ ސިޓީގެ 3 (ހިތަދޫގެ ބައެއް)، 6 (ފޭދޫގެ ބައެއް)، 18 (ހުޅުދޫގެ ބައެއް) އަދި 12 ( މީދޫގެ ބައެއް) އެވެ.

މީގެ އިތުރުން ފުވައްމުލަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ ފުވައްމުލަކު ސިޓީގެ 1 (ދަޑިމަގު، ދިގުވާނޑުގެ ބައެއް) އަދި 4 (ފުނާޑުގެ ބައެއް) އެވެ.