މަޝްހޫރު އިނގިރޭސި ފިލްމް "ހޯމް އަލޯން 2: ލޮސްޓް އިން ނިއު ޔޯކް"ގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފެންނަ މަންޒަރުތައް އުނިކޮށްފައިވާ ސަބަބު، ކެނެޑާގެ ގައުމީ ބްރޯޑްކާސްޓާ (ސީބީސީ)އިން ހާމަކޮށްފިއެވެ.

"ހޯމް އަލޯން 2: ލޮސްޓް އިން ނިއު ޔޯކް"ގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފެންނަ މަންޒަރުތައް އުނިކުރިކުރުން ދިފާއު ކުރަމުން ސީބީސީގެ ތަރުޖަމާނު ޗަކް ތޮމްސަން ބުނީ 120 މިނެޓުގެ ފިލްމުން 8 މިނެޓެއްހާއިރުގެ މަންޒަރުތައް ކަނޑާފައިވަނީ އިސްތިހާރުތަކަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

އެ އޫސުލުން ފިލްމުގެ މަންޒަރުތަކަށް ބަދަލު ގެނެސްފައިވަނީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޑޮނާލްޑް ޓްރަމްޕް އިންތިހާބުވެވަޑައިގަތުމުގެވެސް ކުރިން ކަމަށާ، އެއީ އެއްވެސް ހާލެއްގައި ސިޔާސީ މަގުސަދެއްގައި ކުރި ކަމެއް ނޫންކަމަށެވެ.

ސީބީސީއިން ބަދަލުގެނައި މަންޒަރުތަކާއެކު "ހޯމް އަލޯން 2: ލޮސްޓް އިން ނިއު ޔޯކް" އާންމުކޮށް ދައްކާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. މިއާއެކު ޓްރަމްޕްގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިއުންތަކެއް ސީބީސީއަށް ވަނީ އަމާޒުވެފައެވެ.

މި ވާހަކައިގެ ލިންކެއް ޓްވީޓް ކުރަމުން ޓްރަމްޕްގެ ދަރިކަލުން ޑޮނާލްޑް ޓްރަމްޕް ޖޫނިއާވެސް ވަނީ، މިއީ ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޓްރަމްޕްވެސް ވަނީ މިކަމަށް ހަޖޫ ޖައްސަވާފައެވެ.

1992 ވަނަ އަހަރުގެ ފިލްމް "ހޯމް އަލޯން 2: ލޮސްޓް އިން ނިއު ޔޯކް"ގައި މަސައްކަތް ކުރުމަކީ އޭނާއަށް ލިބުނު ފަހްރެއް ކަމަށް މީގެ ކުރިން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

"ހޯމް އަލޯން 2: ލޮސްޓް އިން ނިއު ޔޯކް"ގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދާކުރައްވާފައިވަނީ ފިލްމުގެ މައިގަނޑު ކެރެކްޓަރަށް މަގު ގެއްލިގެން އުޅޭއިރު އޭނާއަށް މަގުދައްކާދޭ މީހާގެ ރޯލެވެ.