އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ) ގުޅިގެން އެ ގައުމުގެ އެކި ހިސާބުތަކުގައި ކުރިއަށްދާ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް، ދަރިވަރުންނަށް ހިތްވަރު ދެއްވާ މޭރުމަކުން، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމާތާ ބެނާޖީ ވާހަކަ ދައްކަވައިފިއެވެ.

މަމާތާ ބެނާޖީ ވަނީ ސީއޭއޭގައި ދެކޮޅަށް ކަލްކަތާގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއެއް ލީޑުވެސް ކުރައްވާފައެވެ.

ސީއޭއޭއާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކަށް ހިތްވަރު ދެއްވާ، ވާހަކަ ދައްކަވަމުން މަމާތާ ބެނާޖީ ވަނީ ޑިމޮކްރަޓިކް ހައްގުތައް ހޯދުމަށްޓަކައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް، ޑިމޮކްރަސީގެ އުސޫލުތަކާ އެގޮތަށް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން މަމާތާ ބެނާޖީ ވަނީ، މުޒާހަރާތަކާ ގުޅިގެން ކަރުނާޓަކާގެ މެންގަލޫރުން މަރުވި މީހުންގެ އާއިލަތަކަށް 5 ލައްކަ ރުޕީޒް ހަދިޔާ ކުރައްވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް 'ކެބް'އާއި ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: އަނަދޯލޫ އޭޖެންސީ

ސީއޭއޭއާއި ގުޅިގެން އިންޑިއާއަށް ފެތުރިފައިވާ މުޒާހަރާތަކާ، އެ މުޒާހަރާކަތާ ގުޅިގެން ހިންގަމުންދާ އެކިއެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ.

ސީއޭއޭއާ ދެކޮޅަށް އިންޑިއާގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި މަމާތާ ބެނޭޖީ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުވެސް އޭނާ ވަނީ ވަރުގަދަ މުޒާހަރާއެއް ލީޑުކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ވެސްޓް ބެންގޯލްގެ ގަވަރުނަރު ޖަގުދީޕު ދަންކަރު ވިދާޅުވީ، ސީއޭއޭއާއި ގުޅިގެން މަމާތާ ބެނާޖީ ގެންގުޅުއްވާ ރޫޙަކީ ޣައިރު ގާނޫނީ ރޫޙެއް ކަމަށެވެ. އަދި އެކަން ބަދަލުކުރެއްވުމަށް އޭނާގެ ކިބައިން އެދިފައިވާ އެދުމަށްވެސް މަމާތާ ބެނާޖީގެ ފަރާތްޕުޅުން އެދެވޭ އިޖާބައެއް ލިބިފައި ނުވާކަމަށްވެސް ވެސްޓް ބެންގޯލްގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. ގަވަރުނަރު ދަންކަރު އިތުރަށް ވިދާޅުވީ، މަމާތާ ބެނާޖީގެ އަމަލުތަކުގެ ސަބަބުން، އިންޑިއާގެ ޑިމޮކްރަޓިކް ފޭރާން ވީދި ހަލާކުވަމުންދާކަމަށެވެ.

އިންޑިއާގެ ރަށްވެހިކަމަށް އިސްލާހު ގެނައުމުގެ ގާނޫނަކީ ކޮބާ؟

ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ)އަކީ ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވެފައިވާ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ޣައިރު މުސްލިމުންނަށް އިންޑިއާއިން ރަށްވެހިކަން ކަށަވަރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނީ އިސްލާހެކެވެ.

ހިންދޫ ފިކުރުގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަން ހިންގަމުން އަންނަ އިންޑިއާ ސަރުކަރުން ބުނާ ގޮތުގައި މި ގާނޫނަކީ އާބާދީގައި މުސްލިމުންނަށް އަގުލަބިއްޔަތު އޮންނަ 3 ގައުމުގައި، ނިސްބަތުން ބައި މަދު ދީންތަކުގެ މީހުންނަށް ކުރިމަތިވާ 'އިހާނެތި' ހާލަތްތަކުން ސަލާމަތްވުމަށް ރައްކާތެރި ފަސްގަނޑެއް ފޯރުކޮށްދީ، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާކޮށްދިނުމުގެ މަގުސަދުގައި އިސްލާހު ކުރެވުނު ގާނޫނެކެވެ.