އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ބާއްވާ ޕްރައިމަރީ އިއުލާން ކުރުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިންތިހާބުތަކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީން އެތެރޭގެ ޕްރައިމަރީއެއް ބާއްވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންޑީޕީން އަމަލު ކުރާނެ ގޮތުގެ ޓައިމް ލައިން އެ ޕާޓީން ވަނީ އާންމުކޮށްފައެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތުން، އެޕާޓިގެ ޕްރައިމަރީ އިއުލާން ކުރާނީ މިމަހު 30 ވަނަ ދުވަހެވެ. އެއަށްފަހު، ޖެނުއަރީ 7 ވަނަ ދުވަހު ވޯޓު ލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އާންމުކުރާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން ވަނީ 3 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 10 ވަނަ ދުވަހު ބަންދު ކުރުމަށް ހަމަޖެހިފައިވާއިރު، ޖެނުއަރީ 13 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރަސަތަށްފަހު ވޯޓު ލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ފައިނަލް ލިސްޓު އާންމު ކުރުމަށް ނިންމާފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހަމަޖައްސާފައިވާ ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރާނީ، އެ ޕާޓީގެ ޕްރައިމަރީން، ކައުންސިލް ގޮނޑި ކާމިޔާބު ކުރާ ފަރާތަކުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފައިވާނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.