މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއާރްއެމުން މިއަދު މެރުނު ނޫސްބަޔާނުގައި ބުނީ، 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އެމްއާރްއެމްގެ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން، ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ވާދަކުރަން ބޭނުންވާ ކައުންސިލުގެ ނަން ފަދަ މައުލޫމާތު އެ ޕާޓީއާ ހިއްސާ ކުރުމަށް އެ ޕާޓީން އެދެއެވެ. އެމްއާރްއެމުން ވަނީ، މި މައުލޫމާތު އަންނަ ޖެނުއަރީ މަހު 25 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން 7563664 ނަންބަރު ފޯނަށް އެސްއެމްއެސް ކުރުމަށް އެދިފައެވެ.

އެމްއާރްއެމުން ބުނީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވެސް މި ފޯނު ނަންބަރަށް ގުޅުމުން، މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފައިވާނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.