އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކަށް ހިޔާލު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިހުޅުވާލައިފިއެވެ.

އީސީން ވަނީ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭގޮތުން އެއްވެސް ހިޔާލެއް އޮތްނަމަ، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމަށް އިއުލާން ކޮށްފައެވެ. އީސީއަށް ހިޔާލު ފޮނުވާނީ، ސިޓީ އެއް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ އީމެއިލް ([email protected])، ޓްވިޓާ އަދި ފޭސްބުކް އަށެވެ.

އަންނަ އިންތިހާބުގައި މާލެ ސިޓީ 18 ބަޔަކަށް ބަހާލާފައިވާއިރު، އައްޑޫ ސިޓީ 12 ބަޔަކަށް އަދި ފުވައްމުލައް ސިޓީ 6 ބަޔަކަށް ވަނީ ބަހާލާފައެވެ. އަދި އެ ހުރިހާ ބައިތަކަކަށް ވެސް އީސީން ވަނީ ނަމެއް ދީފައެވެ.

އަންނަ އިންތިހާބުގައި ސިޓީ ކައުންސިލް ތަކުން އަންހެނުންނަށް ހާއްސަ ކުރި ދާއިރާތައް އީސީން ވަނީ ރޭ އިއުލާންކޮށްފައެވެ. އީސީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދާއިރާތައް ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެގޮތުން މާލޭގެ 18 ދާއިރާއެއްގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައި ވާއިރު، އައްޑޫގެ 12 ދާއިރާއިން ހަތަރު ދާއިރާއެއް އަދި ފުވައްމުލަކުގެ 6 ދާއިރާގެ ތެރެއިން 2 ދާއިރާއެއް ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައެވެ.

އެގޮތުން މާލެއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ މާލެ ސިޓީގެ 2 އަދި 4 (ހެންވޭރުގެ ބައެއް)، 9 (މައްޗަންގޮޅީގެ ބައެއް)، 12 އަދި 14 (މާފަންނުގެ ބައެއް) އަދި 18 (ވިލިމާލެ) އެވެ. އައްޑޫއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ އައްޑޫ ސިޓީގެ 3 (ހިތަދޫގެ ބައެއް)، 6 (ފޭދޫގެ ބައެއް)، 18 (ހުޅުދޫގެ ބައެއް) އަދި 12 ( މީދޫގެ ބައެއް) އެވެ. މީގެ އިތުރުން ފުވައްމުލަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ ފުވައްމުލަކު ސިޓީގެ 1 (ދަޑިމަގު، ދިގުވާނޑުގެ ބައެއް) އަދި 4 (ފުނާޑުގެ ބައެއް) އެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.