އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުން ހިޖުރަކުރާ މީހުންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް، ތުރުކީވިލާތުގެ އިރުމަތީގައި އޮންނަ ލޭކް ވާން ކޯރަށް ބަންޑުންޖަހާލަ، 7 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

މި ކޯރަކީ ތުރުކީވިލާތާ އީރާނު ހިއްސާކުރާ ބޯޑަރު ކައިރީގައި އޮންނަ ކޯރެކެވެ. މި ސަރަހައްދަކީ ހިޖުރަކުރާ ފަރާތްތަކުން ތުރުކީވިލާތަށް އަރާ، ތުރުކީވިލާތު މަގުން ވިލާތަށް އެތެރެވާން އާންމުކޮށް ބޭނުންކުރާ ސަރަހައްދެކެވެ.

ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 64 މީހަކު ސަލާމަތްކޮށް، ހޮސްޕިޓަލުތަކާ ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތްއިރު، ތުރުކީވިލާތުގެ ތެރޭގައި އޮތް ކޯރުގައި ރެފިއުޖީ ބޯޓު އޮތީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

އަމިއްލަ ވަޒަނުގައި އަނިޔާ ލިބޭ ކަމަށް ބުނެ ވިލާތަށް ހިޖުރަކުރަން މަސައްކަތްކުރާ މީހުންގެ މެދުގައި ތުރުކީވިލާތަކީ މަގުބޫލު މަންޒިލެކެވެ. މިގޮތަށް ހިޖުރަ ކުރަން މަސައްކަތްކުރާ ގިނަ މީހުން ބަރޯސާވަނީ އިންސާނީ ވަގުފާތި ކުރާ ޖިނާއީ ކުށްވެރިންގެ މައްޗަށެވެ. ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކޮށްގެން އެމީހުން ކުރިމަތިލަނީ އިންތިހާއަށް ނުރައްކާތެރި ދަތުރުތަކާއެވެ. އެއްގަމާ ކަނޑުމަގުން ކުރާ ނުރައްކާތެރި ދަތުރުތަކާ ގުޅިގެން ހިނގާ މަރުގެ ހާދިސާތައްވެސް ގިނައެވެ.

ތުރުކީވިލާތުގެ ދައުލަތުން ހިންގަމުން އަންނަ އަނަދޯލޫ އޭޖެންސީއިން ރިޕޯޓްކުރާ ގޮތުގައި މިއަހަރު އެކަނިވެސް، ސައްހަ ލިޔެކިއުންތަކާ ނުލާ ހިޖުރަކުރަން އުޅުނު 441532 މީހަކު، ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުންވަނީ އެގައުމުގެ ސަރަހައްދުން ހިފަހައްޓާފައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންވަނީ އެގައުމަށް ނަގާ ރެފިއުޖީންގެ އިތުރު ރާޅެއް ތަހައްމަލު ކުރުމުގެ ގާބިލުކަމެއް މިއަދު އެގައުމުގައި ނެތް ކަމަށް ވިދާޅުވެފައެވެ. ތުރުކީވިލާތުގައި މިވަގުތު ތިބި ރެފިއުޖީންނަށް ބަލާއިރު، ސޫރިޔާއަށް ނިސްބަތްވާ 3.7 މިލިއަން ރެފިއުޖީން ހިޔާވަހިކަން ހޯދަމުންދަނީ ތުރުކީވިލާތުގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ރެފިއުޖީން ތިބި ގައުމަކީވެސް ތުރުކީވިލާތެވެ.