އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ޖައްމުއާއި ކަޝްމީރުގެ އިމުގައި އޮންނަ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ)ގައި ހަމަނުޖެހުން ހިންގާ ކުރިއަށްގެންދިޔަ ހަމަލާ ބަދަލު ކުރުންތަކެއްގައި 4 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް 2 ގައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

މަރުވި 4 މީހުންގެ ތެރޭގައި އިންޑިއާ އަސްކަރިއްޔާގެ ސިފައިންގެ މީހަކާ ޕާކިސްތާނު 2 މީހަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފު ޣަފޫރު ވިދާޅުވީ ދީވާ އޭ ކިއުނު ފަރުބަދަ މަތީ ސަރަހައްދުގައި ޕާކިސްތާނު އަސްކަރިއްޔާގެ ސިފައިންގެ 2 މީހަކު މަރާލާފައިވާ ކަމަށާ، ރައްދުގައި ދިން ހަމަލާގައި އިންޑިއާ އަސްކަރިއްޔާގެ 3 މީހުންގެ ފުރާނަ ގެއްލިފައިވާކަމަށެވެ.

މިއާ ހިލާފަށް އިންޑިއާ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ރާޖޭޝް ކާލިއާ ވިދާޅުވީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ރަމްޕޫރުއޭ ކިއުނު ސަރަހައްދުގައި އެލްއޯސީ ހުރަސްކޮށް ދިން ހަމަލާގައި އިންޑިއާ ސިފައިންގެ މީހެއްގެ އިތުރުން އާންމުންގެ މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ޝާހް މަހްމޫދު ޤުރައިޝީ ވަނީ މިއަދުގެ ހަމަލާ ބަދަލުކުރުންތައް ކުށްވެރި ކުރައްވާފައެވެ. އަދި މިއީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުރައްވާ ކަމެއް ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ތުހުމަތު ކުރެއްވި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ބުނެއެވެ.

ޖައްމުއާއި ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައަކީ ވަރުގަދަ 3 ހަނގުރާމައެއް ކޮށްފައިވާ ޒަމާންވީ ހަތުރުވެރި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އަދިވެސް ހައްލު ނުހޯދި އޮތް ބޮޑު މައްސަލައެކަކަށް ވާއިރު ދެފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް 2003 ވަނަ އަހަރު ވަނީ ހާއްސަ އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ. ނަމަވެސް މި އެއްބަސްވުމާ ހިލާފަށް ދެ ފަރާތުންވެސް ދޭތެރެ ދޭތެރެއިން އެލްއޯސީ ހުރަސްކޮށް ވަރުގަދަ ހަމަލާތައް ދެއެވެ. މިއަދުގެ ހަމަލާތަކަކީ މި ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.