ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ބޮޑު ލުޔެއް ދޭން އެމްޑަބްލިއުއެސްސީން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، ބިލްތަކަށް ފައިސާ ނުދެއްކި ގިނަ އަދަދެއްގެ ބަޔަކު އެބަތިބި ކަމަށާއި، އެގޮތުން މިހާރު ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކޭނެ ލުއި ގޮތެއް ހޯދައިދޭން މެނޭޖްމަންޓާއި ބޯޑް ޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

ގަވާއިދުން ބިލް ނުދެއްކި ތިބި 13،894 ކަސްޓަމަރުން އެބަތިބި ކަމަށާއި، އެގޮތުން އެކުންފުންޏަށް ނުލިބިފައިވާ ފައިސާގެ އަދަދު 131 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެފަދަ ފަރާތްތަކަށް އަންނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ ކުންފުންޏާ ވާހަކަ ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އެ މުއްދަތުގެ ކުރިން ބިލް އަރާފައިވާ ފައިސާގެ އަދަދު އެއްކޮށް ދައްކާ ކަމަށްވާނަމަ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ހުރިހާ އެއްޗެއް މާފުކޮށްދޭނެކަމަށްވެސް ކުންފުނިން ބުނެއެވެ. އަދި އެބިލްތަކުގެ 50 ޕަސެންޓް ދައްކައިފި ނަމަ ޖޫރިމަނާގެ 50 ޕަސެންޓް އެމުއްދަތުގައި މާފުކޮށްދޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި އެ ބިލްތަކުގެ ބާކީ ނުދެއްކިވާ ބައި އިންސްޓޯލްމަންޓްގެ ގޮތުގައި ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެކަމަށް ކުންފުނިން ބުނެއެވެ.