ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ އިންޑިއާގެ ރަށްވެހި ކަމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދިޔަ ވާހަކައަކީ މިއަދު މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިފައިވާ ވާހަކައެކެވެ. އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުން އިންޑިއާއަށް އެތެރެވި ޣައިރު މުސްލިމުންނަށް އެގައުމުން ރަށްވެހިކަން ހޯދުމުގެ ފުރުސަތު އޮތްއިރު ދެން ތިބި މީހުންގެ ހައްގުތަކަށް އުނިކަން ލިބެމުންދާ ވާހަކަތަކަށް އިންޑިއާއިން އަދިވެސް ދެނީ ބީރު ކަންފަތެކެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެބައެއްގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދިޔަ އެއް ބަޔަކީ އިންޑިއާއަށް ހިޖުރަކޮށްފައިވާ ސްރީލަންކާގެ 100000 ތަމަޅައިންނެވެ. ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން، ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ސްރީލަންކާއިން އިންޑިއާއަށް ބަދަލުވި ތަމަޅައިންނަކަށްވެސް ނެތެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، އިންޑިއާއިން ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނަނީ އަފްގާނިސްތާނު، ޕާކިސްތާނު އަދި ބަންގްލަދޭޝްއިން އިންޑިއާއަށް އެތެރެވި ހިންދޫންނާ، ފާރިސީނާއި، ސިކުންނާއި، ބުދިސްޓުންނާ، ޖައިނުންނާ ކުރިސްޓިއަނުންގެ ތެރެއިން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ކުރިން އިންޑިއާއަށް ވަތްކަން ސާބިތުކޮށްދެވޭ މީހުންނަށެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ލަންކާ ތަމަޅައިންގެ އާއިލީ ކާބަފައިންނަކީ އިންޑިއާގައި ވަޒަންވެރިވި ހިންދޫންނާއި ކްރިސްޓިއަނުން ކަމަށް، ޗެންނާއިގައި ހިންގާ އޯގަނައިޒޭޝަން ފޯ އީލާމް ރެފިއުޖީޒް ރީހެބިލިޓޭޝަންގެ އެޑްވޮކަސީ އޮފިސާ އެސް ވެލުޔަތާމް ބުނެއެވެ. އޭނާ ބުނާ ގޮތުގައި އިންޑިއާގައި މިވަގުތު ތިބި ބައެއް ތަމަޅަ ކުދިންނަކީ އިންޑިއާ ނޫން ގައުމެއް ނުދަންނަ ކުދިންނެވެ. ނަމަވެސް މިއަދު އެކުދިންނަށްވެސް މަޖުބޫރު ވަނީ ސްރީލަންކާއަށް އެނބުރި ދިއުމަށެވެ.

އިންޑިއާގައި ދިރިއުޅެމުންދާ ލަންކާ ތަމަޅަ ދަރިކޮޅުގެ މީހުންނަށް މަޖުބޫރުވެފައިވަނި އެތައް އަހަރެއްވީ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް އެ ފަސްގަނޑު ދޫކޮށްލި ލަންކާގެ އުފަން ފަސްގަނޑަށް ދިރިއުޅުން ބަދަލު ކުރާށެވެ. ނަމަވެސް އެތަނުގައި މިއަދު އެމީހުންގެ ގެދޮރެއް ނެތެވެ. އަމިއްލަ ވަޒަނުގައިވެސް އެއީ ބީރައްޓެހިންނެވެ.