ދުވަހަކީ އުޑުމަތި ބަނަ ދުވަހެކެވެ. މަތިންދާ ބޯޓުގެ ކޮކްޕިޓް ބަލާ ފާސްކުރުމަށްފަހު އެ ބޯޓު އުދުއްސާލީ އުމުރުން އެންމެ 20 އަހަރުގެ މާޔާ ގަޒާލްއެވެ. އެއީ އޭނާ ގިނިކަންޏާ މަތިންދާބޯޓެއްގައި ފެށި ފުރަތަމަ ދަތުރެވެ. މިއީ ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖަކަށްވެސް އަންނާނެ ދުވަހަކެވެ. ނަމަވެސް، އެފަދަ އެހެން ޒުވާނުންނާ މާޔާގެ ވާހަކަ، ހާސްބައި ތަފާތެވެ. އެއީ ކީއްވެކަން އެނގޭ ހެއްޔެވެ؟

ސަބަބު ދެނެގަތުމަށް، މާޒީގެ ސޮފުހާތަކުން 4 އަހަރު ފަހަތު ބާބަކަށް ބަލަންޖެހެއެވެ. މާޔާ ނިސްބަތްވަނީ ނިމުމެއް ނެތް ހަނގުރާމައެއްގައި ގައިދުވެފައިވާ ސޫރިޔާއަށެވެ. އެ ހަނގުރާމަ ގަނޑުން ސަލާމަތްވުމަށް މާޔާއާއި އޭނާގެ އާއިލާ ސޫރިޔާ ދޫކޮށް އިނގިރޭސިވިލާތުގައި ވަޒަންވެރިއެވެ. އެހެން މީހުންގެ ނަޒަރުގައި މާޔާއަކީ ރެފިއުޖީއެއް ނަމަވެސް، އޭނާގެ ފިކުރު އެއަށްވުރެ މާ ތަނަވަހެވެ.

ސޫރިޔާ ވައިޓް ހެލްމެޓްސްގެ މެމްބަރަކު، ހަނގުރާމާގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ތެރެއިން ކުޑަކުއްޖަކު ސަލާމަތްކުރަނީ/ފޮޓޯ: ދަ ޑެއިލީ ބީސްޓް

ކޮންމެ ރެފިއުޖީއަކުވެސް އާ ގައުމަކަށް ދަނީ އާ ފެށުމަކުން ދިރިއުޅުން ފެށުމަށެވެ. މާޔާ އަޒުމު ހިފީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށެވެ. ނަސީބުވެސް މާޔާގެ އަތުގައި ހިފީއެވެ. މާޔާއަކީ ޖެނީވާގައި އޮންނަ ގްލޯބަލް ރެފިއުޖީ ފޯރަމްއިން ފުރަތަމަ ފަހަރަށް ސްޕޮންސާ ކުރި ރެފިއުޖީއެވެ. މި ފޯރަމްގެ ޝިއާރަކީ ހުރިހާ އެންމެނަށްވެސް ތައުލީމުގެ ހައްގު ލިބިގެންވާކަމުގެ ޝިއާރެވެ. އެއީ ރެފިއުޖީއެއް ކަމުގައި ވީ ނަމަވެސް މެއެވެ.

މާޔާވެސް ގަބޫލުކުރަނީ އެގޮތެވެ. މާޔާ ގަބޫލުކުރާ ގޮތުގައި ރެފިއުޖީން ދެކެމުން އަންނަ ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށްޓަކައި އެމީހުންނަށް އިލްމު ބޭނުންވެއެވެ.

ސޫރިޔާގެ ފުރަތަމަ ރެފިއުޖީ އަންހެން ޕައިލެޓް، މާޔާ ގަޒާލް، އޭނާގެ ފުރަތަމަ ސޯލޯ ފްލައިޓުގައި/ފޮޓޯ: އެންޑްރޫ މެކޯނެލް

ސޫރިޔާގެ ވެރިރަށް ދިމިޝްކުގައި މާޔާގެ އާއިލާއިން އުޅެމުން އައީ އާދައިގެ ދިރިއުޅުމެކެވެ. ސްކޫލްގައި އުޅުނުއިރު މާޔާ ބޭނުންވީ ޑިޕްލޮމެޓިކް ރޮނގުން ކުރިއަށް ދިއުމަށެވެ. ނަމަވެސް 2011 ވަނަ އަހަރު ފެށުނު ހަނގުރާމަގަނޑާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. ހަނގުރާމަ ގަދަވަމުން ދިޔަ ވަރަކަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ދަތިވަމުން ދިޔައެވެ. އެގޮތުން އެއްދުވަހަކު ސްކޫލަށް ދިޔަ މަގުމަތީގައި، އޭނާއާއި މާ ދުރުނޫން ހިސާބަކަށް މިސައިލެއް ވެއްޓުނު ހަނދާން މާޔާގެ ހިތުގައި ބިންވަޅު ނެގުނެވެ. ދާންވީ ކުރިއަށް ކަމެއް، ފަހަތަށް ކަމެއް ނޭނގި އޭނާ ހުއްޓުން އެރިއެވެ.

މާޔާގެ ބައްޕަ އިނގިރޭސިވިލާތަށް ބަދަލުވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދި ރެފިއުޖީއެއްގެ ގޮތުގައެވެ. އޭގެ ފަހުން މާޔާގެ މުޅި އާއިލާވެސް ބައްޕައާއި ގުޅުމަށް އިނގިރޭސިވިލާތަށް ބަދަލުވިއެވެ.

ސޫރިޔާގެ ފުރަތަމަ ރެފިއުޖީ އަންހެން ޕައިލެޓް، މާޔާ ގަޒާލް، ގޭގައި ފިލާވަޅު ފަރިތަކުރަނީ/ފޮޓޯ: ގޯޑަން ވޯލްޓާޒް

އިނގިރޭސިވިލާތަކީ މާޔާގެ އާއިލާއަށް ރައްކާތެރި ވެއްޓަކަށް ވިއެވެ. ނަމަވެސް އުމުރުން 16 އަހަރުގައި، ދިރިއުޅުން ސުމަކުން ފެށުންވީ، މާޔާއަށް މާ ފަސޭހަ ކަމަކަށް ނޫނެވެ. މާޔާއަށް ތައުލީމު ފޯރުކޮށްދޭން ސްކޫލްތަކުން ދެކޮޅު ހެދިއެވެ. އެތައް ދުވަހެއް ވަންދެން ގޭގައި އިންނަން މަޖުބޫރުވިއެވެ. މާޔާ ހުސްވަގުތު ހޭދަކުރީ ގިޓާ ކުޅެން ދަސްކުރުމުގައެވެ. އޭގެ ދުވަސްތަކެއް ފަހުން ސްކޫލަކުން އޭނާއަށް ފުރުސަތު ލިބުނެވެ.

ސޫރިޔާގެ ފުރަތަމަ ރެފިއުޖީ އަންހެން ޕައިލެޓް، މާޔާ ގަޒާލް، އޭނާގެ ފުރަތަމަ ސޯލޯ ފްލައިޓުގައި ބޭނުންކުރި މަތިންދާބޯޓު ކައިރީގައި ހުއްޓިލައިގެން/ފޮޓޯ: އެންޑްރޫ މެކޯނެލް

ޑިޕްލޮމެޓަކަށް ވުމުގެ ފޮނި ހުވަފެންތައް އޭރު އޮތީ ކަފުން ކޮށްފައެވެ. ނަމަވެސް އާ ދިރިއުޅުމެއްގެ ފޮނި އުއްމީދުތައް އޭނާގެ ހިތުގައި ރަނިކުރަން ކުރަމުންދިޔައެވެ. ޕައިލެޓް ކަމުގެ ރޮނގުން ކުރިއަށް ދިއުމުގެ ޝައުގު މާޔާގެ ހިތުގައި އަށަގަތީ މިހާ ހިސާބުންނެވެ. ހީތްރޯ ވައިގެ ބަނދަރުން އުދުއްސާ ބޯޓުތަކާ ޖައްސާ ބޯޓުތައް ބަލަން މަންމައާއިއެކު އިން ވަގުތެއްގައެވެ. އޭވިއޭޝަން އިންޖިނީއަރިންގްގެ ރޮނގުން ޔުނިވާސިޓީ ތައުލީމު ހާސިލުކުރުމަށާ، ޕައިލެޓް ކަމުގެ ތަމްރީނު ފުރިހަމަ ކުރުމުގެ ނުގުޑާ އަޒުމު މާޔާގެ ހިތުގައި އަށަގަތެވެ.

މާޔާގެ އަމާޒަކަށްވީ ސޫރިޔާގެ ފުރަތަމަ ރެފިއުޖީ އަންހެން ޕައިލެޓަށް ވުމެވެ. އޭރު އޭނާ ދިޔައީ އާންމުންނަށް ހިތްވަރުދެނިވި ވާހަކަ ދައްކާ މީހެއްގެ ގޮތުގައި އޭނާގެ ހުނަރުތައް ފަރިތަކޮށް، ވިލާތުގެ އެކި ހިސާބުތަކުން އެތައް ބަޔަކު އާޝޯހް ކުރުވަމުންނެވެ. މިކަމުންވެސް މާޔާ ދޭން ބޭނުންވާ މެސެޖަކީ ރެފިއުޖީއަކަށްވިއަސް އަދިވެސް ފުރުސަތު އެބައޮތް ކަމެވެ.