އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން އަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިމިގްރޭޝަނުން ބުނީ އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ގިނަ މަސްރޫއުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި އަމަލު ހިންގާ އަދި ސައްހަ ނޫން ލިޔެ ކިއުން ހުށަހަޅާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ތިން ކުންފުންޏެއްގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މިމަހުގެ 11 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެމައްސަލަތައް ފުލުހަށް ފޮނުވާފައިވަނީ މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުއާމަލާތްތަކާއި އެމައްސަލަތަކުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އެންމެހާ މައުލޫމާތުތަކާއި އެކުގަ ކަމަށެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމެންދެން އެ ތިން ކުންފުނީގެ ހިއްސާދާރުންނާއި މިމައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ހިދުމަތްތައް މެދު ކަނޑާލާފައިވާ ކަަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ ތިން މައްސަލައާއެކު އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖުމްލަ 27 މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.