ސިފައިން ނެރެފައިވާ އެލާޓާ ގުޅިިގެން މައުލޫމާތު ހާމަ ކުރައްވަން ނުޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި ޕީޕީއެމްގެ މެންބަރު މޫސާ މަނިކު ވިދާޅުވި ވިދާޅުވުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން، ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ގައުމީ ދިފާއީ ބާރު ކަމުގައިވާ އެމްއެންޑީއެފް އިން ރޭ އެލާޓް މަތިކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނާއި ހަރުކަށި ފިކުރު ފަތުރާ މީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންތަކާ ގުޅިގެން، އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތުތައް ހާމަ ނުކުރާނަމަ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިދާނެ ކަމަށް ބުނެ، މައުލޫމާތު ހާމަ ކުރުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ވަނީ ރޭ ގޮވާލާފައެވެ.

އެކަމަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތުދީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ރައްޔިތުންގެ ރުހުން ހޯދުމުން ނިމުނީ ކަމަށެވެ.

"ގާނޫނު އަސާސީގެ 241 ވަނަ މާއްްދާގައިވާ ގޮތުން ސިފައިން ހިންގަންޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތުދީ ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫން."
މޫސަ

އެކަމަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ އެލާޓާ ގުޅިގެން ކަންބޮޑުވަނީ ރައްޔިތުން ކަމަށެވެ. ރައްޔިތުން ކަންބޮޑުވަނީ ސަރުކާރުން ވެގެން އުޅޭ ގޮތް ހާމަ ނުކުރާތީ ކަމަށެވެ.

"ޕީޕީއެމް މަސައްކަތުގައި މިދުވަސްވަރު ނޫޅުއްވާތީ މަނިކުފާނަށް އިހުސާސް ނުވަނީ ރައްޔިތުން މިކަމުގައި ކަންބޮޑުވެގެން ޕާޓީއަށް ގުޅާ މިންވަރު،"
ޝުޖާ

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ބަދަލުކުރުމަށް ނިންމާ އެކަން ހާމަކުރީ ރޭ އިރާކޮޅުއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރި ވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށްވެސް ބުނެއެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން އެލާޓު ކުރާ އެންމެ މަތީ މިންގަނޑެވެ. އޭގެ ދަށް މިންގަނޑަކީ "ޔެލޯ 1" އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ހޫދު ވިދާޅުވީ އެލާޓް ލެވެލް މަތިކުރީ މި ދުވަސްވަރަކީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނަ ދުވަސްވަރަކަށް ވާތީ، އެ މީހުންގެ ސަލަމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ވަކި ދިވެހިންނަށް ވެސް ނުވަތަ ފަތުރުވެރިންނަށްވެސް ސީދާ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.