އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި ހިމޭނުން ތިބި ތިބުން ނިމުމަކަށް ގެނައުމަށް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަނޫބާވް ސިންހާ، އެ ސިނާއަތުގައި މަސައްކަތް ކުރާ މުސްލިމު ސުޕާސްޓާރުންނަށް ގޮވާލައިފިއެވެ.

މުސްލިމުންނާ މެދު ތަފާތުކުރުންތަކެއް އެކުލެވޭ ގޮތަށް، އިންޑިއާގެ ހިންދޫ ސަރުކާރުން ތަސްދީގުކޮށްފައިވާ ސީއޭއޭއާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި އަދިވެސް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، މިމުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން އަންނަ ޑައިރެކްޓަރު އަނޫބާވް ބުނީ، ސީއޭއޭއާއި ދެކޮޅަށް ވާހަކަ ނުދައްކާ ކޮންމެ މީހަކު ދެކެވެސް އޭނާ އިންތިހާއަށް ރުޅި އަންނަ ކަމަށެވެ. އާމިރު ހާން، ސަލްމާން ހާން އަދި ޝާހް ރުކް ހާންއަށް ވަކިވަކިން އިޝާރާތް ކުރަމުން އަނޫބާވް ބުނީ، މިއިން ކޮންމެ ތަރިއަކީވެސް އެތައް މިލިއަން ބަޔަކަށް ނުފޫޒު ފޯރުވޭ ވަރުގެ ތަރިން ކަމަށެވެ.

ބޮލީވުޑް ސިނާއަތުގައި ތިބި މުސްލިމު ސުޕާސްޓާރުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (މ)އާއިއެކު އިވެންޓެއްގެ ހަވާސާގައި/ފޮޓޯ: ޓްވިޓާ

ކަންމިހެން އޮތްއިރު މި 3 ހާންކުރެ އެކަކުވެސް ސީއޭއޭއާއި ގުޅޭ ގޮތުން އާންމުކޮށް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. މިކަމާބެހޭ ގޮތުން ބަހެއް ހޯދުމަށް ކުރި މަސައްކަތަށް އެ ތަރިންގެ ފަރާތުން އިޖާބައެއް ލިބިފައި ނުވާކަމަށް ރޮއިޓާޒްއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނެއެވެ.