ބޮލުގެ އިސްތަށިގަނޑުގެ ސިއްހަތަށް ފަރުވާ ދީގެން އެންމެ ދުޅަހެޔޮކަން މަތީގައި އެ އިސްތަށިގަނޑު ގެންގުޅުމުގެ ނަސީބަކީ ކޮންމެ ކޮންމެ މީހަކަށް ލިބިފައި އޮންނަ ނަސީބެއް ނޫނެވެ. ކިތަންމެ ބަލައިގެން އުޅުނުކަމުގައި ހީވި ނަމަވެސް އިސްތަށިގަނޑު ކިސުޅިވެ، ގޮއްޖެހި، ބުރިބުރިވެގެންދާ ދިއުމާ، އާދަޔާ ހިލާފު ގިނައިން އިސްތަށި ފޭބުމުގެ ހިތްދަތިކަމަކީ، އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހަކުމެހެން ތަޖުރިބާކޮށްފައި އޮންނާނެ ކަމެކެވެ.

ގިނަ ފަހަރަށް އިސްތަށިގަނޑު ހަލާކުވަނީ ކޮންމެވެސް ބާވަތެއްގެ ތަޣައްޔަރު ކަމަކަށް އެ އިސްތަށިގަނޑު ހުށަހެޅޭތީއެވެ. އެގޮތުން ކިލަޔާއި ހިރަފުހަކީވެސް އިސްތަށިގަނޑަށް ދެވޭ ގެއްލުމެކަށްވާއިރު، އިރުގެ ސީދާ އަވި އިސްތަށިގަނޑުގައި ޖެހުމަކީވެސް އެ އިސްތަށިގަނޑަކަށް ދެވޭ އަނިޔާއެއްކަން ދަންނަންޖެހެއެވެ.

މިފަދަ ކަންކަމުން ދުރުވެ ހުރި ކަމުގައި ވީ ނަމަވެސް އިސްތަށިގަނޑަށް ގެއްލުންވާ ގޮތްވެއެވެ. މިފަދަ ހާލަތްތަކުގައި ބޭނުންކުރާނެ ހާއްސަ ސީރަމްތައް މިހާރު ބާޒަރުން ލިބެން ހުރިއިރު، އެކަށީގެންވާ މާއްދާތަކުން ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތައް ބޭނުންކުރުން ބުއްދިވެރިއެވެ. ޖީބަށް ލުއިވިއެއްކަމަކު ހިތުހުރި އެއްޗެއް ބޭނުންކޮށްގެން ފަހުން ލިބޭ ގެއްލުން މާބޮޑުވެދާނެކަންވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ސީރަމްއަކީ ކޮބާ؟

ދާދި ފަހަކާ ޖެހެންދެން އިސްތަށިގަނޑަށް ހާއްސަވެފައި އޮތީ ތެލާ ކްރީމް އަދި ޖެލްއެވެ. ނަމަވެސް ޒީނަތްތެރިވުމާ އެކަމުގެ ފަރުވާތަކަށް ލޯހުޅުވެމުންދިޔަ ވަރަކަށް މިލިސްޓަށް ސީރަމްވެސް ވަނީ އިތުރުވެފައެވެ. ހެއާ ސީރަމް ނުވަތަ އިސްތަށިގަނޑަށް ހާއްސަ ސީރަމްއަކީ އިސްތަށިގަނޑުގެ ބޭރުން ހާއްސަ ފަށަލައެއް ލާދޭ ގޮތަށް، ތަފާތު ސިލިކޯންތަކަކުން އުފައްދާފައިވާ ތާސީރެކެވެ. މިއީ އިސްތަށިގަނޑު ތެޔޮ ނުވެ އިސްތަށިގަނޑަށް ވިދުން ގެނެސްދޭ މާއްދާއެއްވެސް މެއެވެ.

އިސްތަށިގަނޑަށް ހާއްސަ ސީރަމްގެ ފައިދާ

  • އިސްތަށިގަނޑު ހިމާޔަތްކޮށްދޭ
  • އިސްތަށިގަނޑަށް ލިބޭ އެކިކަހަލަ ގެއްލުންތަކުން ދުރުކޮށްދޭ
  • އިސްތަށިގަނޑުގައި ޖެހޭ ގޮއްތަށް ފިލުވާލަދޭ
  • އިސްތަށި ފޭބުން މަދުކޮށްދޭ
  • އިސްތަށިގަނޑަށް ވިދުން ގެނެސްދޭ
  • އިސްތަށިގަނޑު އެކަތިގަނޑަކަށް ތަތްވެފައި އޮންނަ އޮތުން ދުރުކޮށްދީ މުޑުދާރު ކަމުގެ އިހުސާސް ދުރުކޮށްދޭ

ސީރަމް ބޭނުންކުރާއިރު ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައްތައް

  • އިސްތަށިގަނޑުގައި ހޭކުމުގެ ކުރިން ދެއަތް ތިލައިގެ މެދުގައި އެ މާއްދާ ހޫނުކޮށްލުން
  • ކަމާބެހޭ ތަޖުރިބާކާރެއްގެ އެހީގައި ތިބާގެ އިސްތަށިގަނޑާ އެންމެ ގުޅޭ ސީރަމްއެއް ދެނެގަތުން
  • ސީރަމްގެ ފައިދާ އެންމެ ބޮޑަށް ކުރާނީ އިސްތަށިގަނޑު ތެތްކޮށް ހުންނަ ވަގުތު އޭގެ ބޭނުން ކުރުމުންކަން ހަނދާންކޮށް އެކަން އެގޮތަށް ކުރުން
  • ބޮލުގެ ތަލާގައި ސީރަމް ނުހޭކުން އަދި މަސާޖު ނުކުރުން
  • އެއް ފަހަރާ މާ ގިނައިން ސީރަމް ބޭނުން ނުކުރުން. އެންމެ ރަނގަޅީ ތޮޅި އޮށެއް ވަރުގެ އެތިކޮޅެއް ބޭނުން ކުރުން.

ސީރަމްއަކީ އިސްތަށިގަނޑަށް ފުރިހަމަކަމެއް ގެނެސްދޭ މާއްދާއަކަށް ވާއިރު، މީގައި ސައިޑް އިފެކްޓްސްތަކެއްވެސް ހުރެއެވެ. އެގޮތުން ދިގުމުއްދަތެއް ވަންދެން މެދުކެނޑުމެއްނެތި ސީރަމް ބޭނުން ކުރާނަމަ އިސްތަށިގަނޑު ހިކި، ހަލާކުވާ ގޮތްވާނެއެވެ. ސީރަމްއަކީ އިސްތަށިގަނޑުގެ ވަށައިގެން ލެވޭ ހާއްސަ ފަށަލައަކަށްވާއިރު، އިސްތަށިތައް ނޭވާލާނެ ވަގުތުކޮޅެއްވެސް އެއަށް ދޭންވާނެއެވެ.