'އެނބުރި އަންނަންވީ ވަގުތު ޖެހެންދެން' ސޯޝަލް މީޑިއާއާއި މިއުޒިކީ ދާއިރާގެ މަސައްކަތްތަކުން 'ޗުއްޓީ' އެއް ނަގަން ނިންމާފައިވާކަން، މަޝްހޫރު ލަވަކިއުންތެރިޔާ އެޑް ޝީރަން ހާމަކޮށްފިއެވެ.

މިފަހަކަށް އައިސް މިއުޒިކީ ޗާޓުތަކުގެ އެންމެ ކުރިން ގިނަ މަގާމުތަކެއް ކަށަވަރުކޮށްފައިވާ އެޑް ޝީރަން މިއުޒިކާ ސޯޝަލް މީޑިއާގެ ދުނިޔެއިން ޗުއްޓީއެއް ނަގަނީ، ދަތުރުކުރުމަށާ، ލިޔެ، ކިޔާ އުޅުމަށް ވަގުތު ހުސްކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންނަންވީ ވަގުތު ޖެހުމުން، އެނބުރި އަންނާނީ އާ މިއުޒިކްތަކަކާއެކުގައި ކަމަށްވެސް ވެއެވެ.

އެޑް ޝީރަން ބުނާ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވާއިރު، މިއީ އެކަމުން ޗުއްޓީ ނަގާ، ދުނިޔޭގެ އެހެން ކަންކަން ތަޖުރިބާކުރަން އޭނާއަށް އޮތް ވަގުތެވެ. އަދި އާ މިއުޒިކްތަކެއް ގެނެސްދެވޭނެ ކަންކަން ތަޖުރިބާކުރުމަށްފަހު އެނބުރި އަންނާނެ ކަމަށް އެޑް ޝީރަން ވަނީ އޭނާގެ ފޭނުންނަށް ވައުދުވެސް ވެފައެވެ.

ކަންމިހެން އޮތްއިރު، އެޑް ޝީރަންގެ ސޯޝަލް މީޑިއާ ޕޭޖުތަކަށްވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ޕްރޮފައިލް ފޮޓޯވެސް ކަޅާ ހުދުން ލިޔެފައިވާ "ބީ.އާރް.ބީ" އަށް ވަނީ ބަދަލުކޮށްފައެވެ.

އަންނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުން 29 އަހަރު ފުރޭ އެޑް ޝީރަން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައިވެސް ސޯޝަލް މީޑިއާއިން ޗުއްޓީއެއް ނަގާފައެވެ. އެފަހަރު އޭނާ ޗުއްޓީއެއް ނެގީ، އޭނާއަށް ދުނިޔެ ފެންނަމުންދަނީ އޭނާގެ ހަމަލޮލުން ނޫންކަމަށާ، ނަމަވެސް ސްކްރީންތަކުން ކަމަށް ބުނުމަށްފަހުގައެވެ.