އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އާންމުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިހުމާލުތަކެއް އެބަހުރި ކަމަށް އިއުތިރުފާވާކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު އަމީތު ޝާހް ވިދާޅުވެއްޖެއެވެ.

އޭއެންއައިއަށް ދެއްވި ބަސްދީގަތުމެއްގައި ޝާހް ވިދާޅުވީ، ސީއޭއޭއަކީ އިންޑިއާގެ އާބާދީގެ ނިސްބަތުން ބައިމަދު ޖަމާއަތްތަކުގެ އާބާދީއަށް ނިސްބަތްވާ މީހުންގެ ރަށްވެހިކަމަށް އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވާނެ އިސްލާހެއް ނޫންކަމަށް، ވަރަށް ތަފްސީލުކޮށް ގާނޫނު ހަދާ މަޖިލީހުގައިވެސް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ސައްހަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރާ ހިސާބުން މަޑުޖެހުންތަކެއް އައިސްފައިވާކަމަށް އިއުތިރާފުވުމުގައި މައްސަލައެއް ނެތް ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް 'ކެބް'އާއި ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ސީބީސީ

މިމޭރުމުން ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ އިންޑިއާގެ ރަށްވެހިކަމުގެ ދަފުތަރު (އެންއާރްސީ)އާއި ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ) އާއި ހިޖުރަކޮށްގެން ގަވައިދާ ހިލާފަށް އިންޑިއާގައި ދިރިއުޅެމުންދާ މީހުން ބަންދުކުރުމަށް ހާއްސަކޮށްގެންފައިވާ ޑިޓެންޝަން ސެންޓަރުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. މިކަމާ ގުޅިގެން މީޑިއާގައި ދައުރުވަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތް އިރު، ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އިންޑިއާގައި ފެށި ވަރުގަދަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 20އަށްވުރެ މައްޗަށް އަރާފައެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓްގައި މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް އިންޑިއާ ފުލުހުން އޮއްގާ އުކަނީ/ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން، އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި އާބާދީގެ ގޮތުން ބައިމަދު މީހުންނަށް ދެމުންދާ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް އެތެރެވި ހިންދޫންނާ، ސިކުންނާ، ޖައިނުންނާ، ފާރިސީންނާ، ބުދިސްޓުން އަދި ކުރިސްޓިއަނުންނަށްވެސް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. މި ލިސްޓުން މުސްލިމުން އުނިކޮށްފައި އޮތުމާ، ވަކި ގައުމުތަކެއް ފާހަގަކޮށްފައި އޮތުމީ، ބައިނަލްއަގުވާމީ މުޖުތަމައުވެސް އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އިންޑިއާއަށް ފާޑުކިއުންތައް އަމާޒު ކުރަމުންދާ ސަބަބެވެ.