އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންތަކެއްހައި، ހަތިޔާރުއެޅި ހަނގުރާމަވެރި ޓެރަރިސްޓުންގެ 100 އަށްވުރެ ގިނަ މީހުން މަރާ، އިތުރު 45 މީހަކު ޒަހަމްކޮށްލާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އަފްގާނިސްތާނުގެ 15 ޕްރޮވިންސްއެއްގައި ފަށާފައިވާ 18 އޮޕަރޭޝަންގައި 5 ޓެރަރިސްޓަކު ހައްޔަރުކޮށްފައިވާކަމަށް އަފްގާނިސްތާނުގެ ދިފާއީ ވުޒާރާއިން ކުރި ޓްވީޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ.

18 އަހަރު ދުވަސްވީ ވަރުގަދަ ހަނގުރާމައެއް އެމެރިކާއިން ކުރަމުން އަންނަ އަފްގާނިސްތާނުގައި ޓެރަރިސްޓުންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ ބައެއް ހަނގުރާމަވެރިންތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ، ކަމާ ބެހޭ ފަރާތްތަކާ އަމިއްލައަށް ހަވާލުވެފައެވެ. އޭރު ހަވާލުވި ހަނގުރާމަވެރިންގެ ތެރޭގައި ދިވެހި ރާއްޖެއަށް ނިސްބަތްވާ ބަޔަކު ތިބި ކަމުގެ ޚަބަރުތައް ވަނީ ލިބިފައެވެ.

މިދަނޑިވަޅަކީ އަފްގާނިސްތާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް، އާ ސަރުކާރަކަށް އުއްމީދުތަކެއް ކުރަމުންދާ ދަނޑިވަޅަކެވެ. ސެޕްޓެމްބަރު މަހުގެ އިންތިހާބުގައިވެސް މިހާރުގެ ރައީސް އަޝްރަފު ޣަނީ ކުރި ހޯއްދަވާފައިވާއިރު، އެމެރިކާއިން ދަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެ ގައުމުގެ ސަރުކާރާ ދެކޮޅު ތޯލިބާނު ހަނގުރާމަވެރިން ސުލްހަ ކުރުމަށް މަޝްވަރާތަކެއް ކުރަމުންނެވެ.