އިންޑިއާއަށް ހިޖުރަކޮށް ގަވައިދާ ހިލާފަށް އެގައުމުގައި ދިރިއުޅެމުންދާ މީހުން ބަންދު ކުރުމަށް ހާއްސަކޮށްގެން ކަރުނާޓަކާ ސްޓޭޓުން ހެދި ފުރަތަމަ ޑިޓެންޝަން ސެންޓަރު ހުޅުވައިފިއެވެ.
އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ މައްސަލާގައި އެގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދަނިކޮށް ކަރުނާޓަކާ ސްޓޭޓްގައި ހުޅުވި ޑިޓެޝަން ސެންޓަރަކީ މުޅި އިންޑިއާގައިވެސް ހުޅުވި މިފަދަ ފުރަތަމަ މަރުކަޒު ކަމަށް މައުލޫމާތު ލިބެއެވެ.
ކަރުނާޓަކާ ސްޓޭޓްގައި ޑިޓެންޝަން ސެންޓަރު ހުޅުވީ ބެންގަލޫރާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުން ނެލަމަންގާލާގައެވެ.
ކަންމިހެން އޮތްއިރު، މިދިޔަ އާދީއްތަ ދުވަހު ދިއްލީގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ނަރޭންދްރާ މޯދީވަނީ އިންޑިއާގެ އެއްވެސް ތަނެއްގައި މިފަދަ ޑިޓެންޝަން ސެންޓަރެއް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.
މިއާ ހިލާފަށް ކަރުނާޓަކާ ސްޓޭޓްގެ އޮފިޝަލަކު ވިދާޅުވީ، ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ފަރާތްތައް ބަންދުކުރުމަށް ޑިޓެންޝަން ސެންޓަރު މިހާރު އޮތީ ތައްޔާރަށް ކަމަށެވެ. މިއީ އަންނަ ޖަނަވަރީ މަހު ހުޅުވުމަށް އަމާޒުކޮށްގެން ބިނާކުރި މަރުކަޒެއް ކަމަށާ، ނަމަވެސް ޑިޓެންޝަން ސެންޓަރު އަވަހަށް ހުޅުވާފައިވަނީ ޔޫނިއަން ގަވަމަންޓްގެ އެދުމުގެ މަތިން ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
މި އިމާރަތަކީ ސޯޝަލް ވެލްފެއާ ސްކީމްގެ ދަށުން ކުރިން ބޭނުން ކުރަމުން އައި އިމާރާތެކެވެ. 6 ކޮޓަރިއާއި ބަދިގެއެއްގެ އިތުރުން ބަދިގެއާއި ސެކިއުރިޓީ ރޫމާ ޓަވަރު ހިމެނޭ ގޮތަށް ހުރި މި އިމާރާތަކީ ގާތްގަނޑަކަށް 24 މީހުންގެ ޖާގައިގެ ސެންޓަރެއް ކަމަށް މައުލޫމާތު ލިބެއެވެ.