ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށެއްގައި މަޑިތަކަކާ އެކު ނެގި ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ރާއްޖޭގެ ގުދުރަތީ ރީތި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ މި ވީޑިއޯ އާންމުކޮށްފައި ވަނީ އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) ނިއުސްގެ ޓްވިޓާ އެކައުންޓުންނެވެ. 44.7 ހާސް ފަހަރު މީހުން ވިއުކޮށްފައިވާ މި ވީޑިއޯއަށް އެތައް ބަޔަކު ކޮމެންޓްކޮށް އަދި އެތައް ބަޔަކު ވަނީ ރީ ޓްވީޓްވެސް ކޮށްފައެވެ. އެގޮތުން މިހާތަނަށް 969 އަށް ވުރެ ގިނަ ލައިކް ލިބި، 236 ފަހަރު ރީޓްވީޓް ކޮށްފައި ވެއެވެ.
ދުނިޔޭގެ ސަމާލުކަމަށް މި ވިޑީއޯ އައިސްފައިވާ އިރު މިއީ ދިވެހި ޒުވާނެއް ނަގާފައިވާ ވީޑިއޯއެއްކަން ފާހަގަކޮށްލެވެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މި ވީޑިއޯ ނެގި ޒުވާނާ އަލީ ރައްޒާން ބުނީ، މި ފަދަ ވީޑިއޯތައް ލުމުން ގިނައިން ފަތުރުވެރިންގެ ކޮމެންޓް އަންނަ ކަމަށެވެ. ފަތުރުވެރިން ކުރާ ސުވާލުތަކުގެ ތެރޭގައި އޭއްޗެތި ދަތް އަޅާނެތޯ ނުވަތަ ކަށި ޖަހާނެތޯ އަހާ ކަމަށް ރައްޒާން ބުނެއެވެ. މި ވިޑީއޯ ނަގާފައިވަނީ ވ. ފުލިދޫ ބީޗުގައި ކަަމަށާއި އަދި މި މަސައްކަތަކީ ޝެޑޯ ޕާމް ޓީމުން ކުރާ މަސައްކަތެއް ކަމަށް ރައްޒާން ބުނެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯއިން ފެނިގެން ދަނީ ބޮޑެތި މަޑިތަކަކާ އެކު ފަތުރުވެރިއެއް ފެންމަތީގައި އޮންނަ މަންޒަރެވެ. އޭނާ ފެންމަތީގައި އޮންނައިރު އޭނާގެ ގައި ދަށުން މި ބޮޑެތި މަޑިތައް ކޮޅު ކޮޅަށް ދަތުރުކުރަމުން ދެއެވެ. ބަލާބެލުމަށް އެ މަޑިތަކުގެ ސައިޒަކީ އެ ފަތުރުވެރިޔާއާ ދާދި އެއް އިސްކޮޅެއް ކަމަށް ބެލެވެއެވެ. ގާތްގަނޑަކަށް 17 ވަރަކަށް މަޑި މި ވިޑިއޯއިން ފެނިގެން ދާއިރު އެ ސަރަހައްދުން ފެންނަ މޫދަކީ ވަރަށްވެސް ސާފު ރީތި މޫދެކެވެ.
އޭބީސީން ޝެއާ ކޮށްފައިވާ މި ވީޑިއޯއަކީ "ޝެޑޯ ޕާމް މޯލްޑިވްސް" އިންސްޓާގްރާމް އެކައުންޓުން އާންމުކޮށްފައިވާ ވިޑިއޯއެކެވެ. މި އެކައުންޓުން ރާއްޖޭގެ ގުދުރަތީ ރީތި އެތައް މަންޒަރުތަކެއް ދައްކުވައިދޭ ވީޑީއޯއާއި ފޮތޯތައް ޝާއިއުކޮށްފައިވެއެވެ. މަޑިއާއި މިޔަރާއި ކޯމަހުގެ އިތުރުން ވެލައާއި ވޭލް ޝާކްގެ ހިތްގައިމު އެތައް މަންޒަރުތަކެއް މި އިންސްޓަގްރާމް އެކައުންޓުން ފެނެއެވެ.
މަޑިތަކާއެކު ފަތުރިުވެރިއަކު އޮތް ވީޑިއޯ މަޝްހޫރުކަން ހޯދަމުން އަންނަ އިރު ދާދިފަހުން ފަތުރުވެރިއަކު މިޔަރުތަކަކާއެކު ނަގާފައިވާ ވީޑީއަކީވެސް މީހުންގެ ސަމާލުކަން ހޯދި ވީޑިއޯއެކެވެ. މިޔަރުތަކާއެކު ފަތުރުވެރިއަކު ވަނިކޮށް ނަގާފައިވާ ވިޑިއޯއަކީ އަލީ ރައްޒާން އާއި ޝެޑޯ ޕާމް މޯލްޑިވްސް ޓީމުން ނަގާފައިވާ ވީޑިއޯއެކެވެ.
މި ދުވަސްވަރަކީ ފަތުރުވެރިން ރާއްޖެއަށް އަންނަ ސީޒަނަށް ވެފައި، ރާއްޖޭގެ މިފަދަ ރީތި މަންޒަރުތައް ދައްކުވައިދޭ ވީޑީއޯތައް ދުނިޔޭގެ ސަމާލުކަމަށް އައުމަކީ ރާއްޖެ އިސްތިހާރު ކުރުމުގައި ލިބޭ ބޮޑު ކުރިއެރުމެކެވެ.