އިންޑިއާގެ ޖަރްހާންދް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް އެ ސްޓޭޓްގައި ކުރިއަށް ގެންދިޔަ އިންތިހާބުގައި، އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީއަށް އަގުލަބިއްޔަތު ގެއްލި، އަނެއްކާވެސް އިތުރު ސްޓޭޓެއްގެ ކޮންޓްރޯލް، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރަށް ގެއްލިއްޖެއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ޖަރްހާންދް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ފިކުރުގެ ޖަރްހާންދް މުކްތީ މޯޗާ (ޖޭއެމްއެމް)އިންނެވެ. އެޕާޓީއިންވަނީ ޖަރްހާންދް ލެޖިސްލޭޓިވް އެސެމްބްލީގައި ހިމެނޭ 81 ގޮނޑީގެ ތެރެއިން 30 ދާއިރާއެއް ކާމިޔާބުކޮށްފައެވެ. މައި އިދިކޮޅު ސިޔާސީ ކޮންގްރެސް ޕާޓީއާއި ޖޭއެމްއެމްގެ އިއްތިހާދަށް ޖުމުލަ 47 ގޮނޑި ކާމިޔާބުކުރެވިފައިވާއިރު، ބީޖޭޕީއަށް ލިބިފައިވަނީ އެންމެ 25 ގޮނޑިއެވެ.

މިއާއެކު ޖަރްހާންދް ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމުގެ މަގާމަށް ޖޭއެމްއެމްގެ ހާމަންތް ސޯރެން ވަނީ އައްޔަންކޮށްފައެވެ. އޭނާ މަގާމުގެހުވާ ކުރައްވާނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

2014 ވަނަ އަހަރު ޖަރްހާންދް ސްޓޭޓްގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ބީޖޭޕީއިން ވަނީ 37 ގޮނޑި ކާމިޔާބުކޮށްފައެވެ. ނަމަވެސް މިއަހަރުގެ މިހާ ބޮޑު އަދަދަކުން ބީޖޭޕީ ބަލިވެފައިވަނީ، މިފަހަކަށް އައިސް އިންޑިއާގެ ސަރުކާރުން ތައާރަފުކުރަމުންދާ ގާނޫނުތަކުގެ އިތުރުން ބީޖޭޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައި އޮތުމުގެ ސަބަބުން ކަމަށް މުރާސިލުން ބުނެއެވެ.

ބީޖޭޕީއަށް ވަނީ މަހަރާޝްތްރާ ސްޓޭޓްގެ އަގުލަބިއްޔަތުވެސް ގެއްލިފައެވެ.