ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއިއެކު ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ އަވަށްޓެރި އިންޑިއާގައި ޚަބަރާ މައުލޫމާތު ފަތުރަމުންދާ އަމިއްލަ އިދާރާތަކުން ގެނެސްދޭ ކޮންޓެންޓްއަށް އިންޑިއާގެ ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގްގެ ލެޓާހެޑެއްގައި އާންމުކޮށްފައިވާ މީޑިއާ އެޑްވައިޒަރީއެއް އިންޑިއާގެ ޕްރައިވެޓް މީޑިއާތަކުން ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، ޕްރައިވެޓް ޗެނަލްތަކުން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވާންވީ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އިންޑިއާގެ ގައުމިއްޔަތުގެ ރޫހާ ހިލާފު ކޮންޓެންޓް ފޮނުވުމާ، ހަމަނުޖެހުންތަކާ ކުރިމަތިލުންތަކަށް ހިތްވަރު ދެނިވި ކޮންޓެންޓް ފޮނުވުމުން އެއްކިބާވުމަށާ، އިންޑިއާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ޚަބަރާ މައުލޫމާތު ނުފެތުރުމަށާ، ވަކި ފަރުދަކަށް ނުވަތަ މުއައްސަސާއެއްގެ ނުވަތަ ޖަމާއަތެއްގެ އަބުރު ގެއްލޭ ފަދަ ވާހަކަތަކެއް ފެތުރުމުން ދުރުވުމަށްވެސް މިއެޑްވައިޒަރީގައި ވަނީ ގޮވާލާފައެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިން އިންޓަނެޓް ކަނޑާލާފައި އޮންނަތާ 100 ދުވަސް ވުމުން ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

އަންޑަސެކްރެޓަރީ އެމް ރާޖޭންދްރަން ސޮއިކުރައްވާފައިވާ މިސިޓީގައިވާ ގޮތުން، މިފަދަ ކަންކަމަށް ބޯލެނބުމަށް އިންޑިއާގެ ޕްރައިވެޓް ޗެނަލްތަކާ، ބްރޯޑްކާސްޓަރުންނާ ކޭބަލް އޮޕަރޭޓަރުންނަށް ލާޒިމުކުރެއެވެ.

އިންޑިއާގެ ސަރުކާރުން މިފަދަ އެޑްވައިޒަރީއެއް އާންމުކޮށްފައި މިވަނީ، ބީޖޭޕީ ސަރުކާރުން ފާސްކުރި ރަށްވެހިކަމަށް އިސްލާހު ގެނައުމުގެ ގާނޫނާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، 10 ވަރަކަށް ދުވަހުގެ ތެރޭގައި 23 މީހެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އިންޑިއާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

މި އެޑްވައިޒަރީ ބުނާ ގޮތުން ކަންކަމަށް ފާޑުކިއުމުގެ ހައްގުވެސް އިންޑިއާގެ ސްޓޭޝަންތަކަށް ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އިންޑިއާއަކީ އަލަށް އުފެދެމުން އަންނަ ދެވަނަ 'އުތުރު ކޮރެޔާ' ކަމަށްވެސް އިންޑިއާ ސަރުކާރުގެ އެޑްވައިޒަރީއަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިންޑިއާގެ އެކި ހިސާބުތަކުގައި ކާފިއުގެ އަމުރު އިއުލާންކޮށް، އިންޓަނެޓްއާއި ބްރޯޑްބޭންޑްގެ ހިދުމަތްތައް މެދުކަނޑާލާފައި އޮތް ނަމަވެސް، އިންޑިއާގެ މަސްރަހުން ލިބެމުންދާ ޚަބަރުތަކަށް މަޑުޖެހުމެއް ނާދެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މިއަހަރު އެންމެ ގިނައިން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލި ގައުމުގެ ރެކޯޑްވެސް އޮތީ އިންޑިއާގައެވެ.