މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ދަރަވަންދޫން މަސްތުވާތަކެއްޗާ އެކު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ދަރަވަންދޫން ހައްޔަރުކޮށްފައިވާ އަންހެން މިހާ އަކީ އުމުރުން 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައި ވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މި އަންހެން މީހާ ހައްޔަރު ކުރީ ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެއެވެ.
އެ އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.