ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ، ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަން ކުރައްވައިފިއެވެ.

ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލަކަށް އާމިނަތު އަބްދުﷲ، އައްޔަންކުރެއްވުމާއި ގުޅިގެން އޭނާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެޕޮއިންޓްމަންޓް ލެޓާ ހަވާލުކޮށްފައެވެ.

މިއީ ރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްއަށް އައްޔަންކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލްއެވެ. އާމިނަތު އަބްދުﷲ ދީދީ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެހެން ބައެއް މަގާމުތަކުގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހާރިޖީ ދައިރާގައި ހިދުމަތް ކޮށްފައެވެ.

ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޯ ޔުނިވާސިޓީއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައި، އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ.

ރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން އައް މިޝަންއެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.