އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ)އާއި ދެކޮޅަށް އެގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދަނިކޮށް، އެ އިސްލާހުގެ ދިފާއުގައި އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތެދުވެވަޑައިގެންފިއެވެ.

ވެރިރަށް ނިއު ދިއްލީގައި މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އަނިޔާލިބެމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށާ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ހުރިހާ އެންމެންވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ސީއޭއޭއަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނު މަގުން ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވެފައިވާ ޣައިރު މުސްލިމުންނަށް، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދޭ އިސްލާހެކެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ އަގުލަބިއްޔަތުން ބިލު ފާސްކޮށް މޯދީގެ ބީޖޭޕީއިން މިހާރު ވަނީ މި ބިލަށް ގާނޫނީ ހައިސިއްޔަތުވެސް ދީފައެވެ.

ކަންމިހެން އޮތްއިރު، މި އިސްލާހަނީ އިންޑިއާގެ ރަށްވެހިންގެ މެދުގައި މަގުބޫލު އިސްލާހަކަށް ނުވިއެވެ. މުޅި ގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރަމުންދާތާ 10 ވަރަކަށް ދުވަސްވީއިރު، މަރުވި މީހުންގެ އަދަދު 23 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ސީއޭއޭގެ ދިފާއުގައި ވާހަކަފުޅުދައްވަމުން މޯދީ ވިދާޅުވީ، އިސްލާހާ ގުޅިގެން ހަގީގަތް އޮޅޭ ގޮތަށް، ދޮގު ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ. މުޒާހަރާތަކުގެ ތެރެއިން ހިންގި އެކި ހަމަނުޖެހުންތަކުގައި ފުލުހުންނާ އާންމުންގެ އިތުރުން ސަރުކާރުގެ މުދަލާ ތަކެއްޗަށް ގެއްލުން ދީފައިވާކަން ކުށްވެރި ކުރައްވަމުން މޯދީ ވިދާޅުވީ، ބޮޑެތި ސިޔާސަތުތައް ތަންފީޒު ކުރާއިރު އެއްވެސް މީހެއްގެ ދީނަކީ ކޮބައޮތޯ ސަރުކާރުން ސުވާލުކޮށްފައި ނުއޮންނާނެ ކަމަށެވެ. 1.35 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ ކޮންމެ 7 މީހަކުން 1 އަކީ މުސްލިމެއް ކަމަށްވާއިރު، ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހަކީ އިންޑިއާގެ ރަށްވެހިންގެ ގޮތުގައި ތިބި މުސްލިމުން ކަންބޮޑުވާންޖެހޭ އިސްލާހެއް ނޫންކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.