އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް އަދި ފިލްމް ސިޓީ މުމްބާއީގެ މަގުތައް މަތިން ފެންނަ، ދޮށީ އުމުރަށް އަޅާފައި ހުރި މި ފިރިހެން މީހާއަކީ ބަލާބެލުމަށް މާ މޮޅު މީހެއް ކަމަށް ހީ ނުވެދާނެއެވެ. އެހެންނަމަވެސް ކޮންސްޓަބްލް ރާޖޭޝް ޕާންޑޭއަކީ މުމްބާއީ ފުލުހުން މިއަދު އެންމެ އިތުބާރު ކުރާ އިންވެސްޓިގޭޓަރެވެ.

ވަކިން ހާއްސަކޮށް، ވީނުވީއެއް ނޭނގިގެން ހުށަހަޅާ މައްސަލަތަކުގައި މުމްބާއީ ފުލުހުން ބަރޯސާވަނީ ޕާންޑޭއަށެވެ. މިހާތަނަށް މިފަދަ 700 އަށްވުރެ ގިނަ ކޭސް ކާމިޔާބުކޮށްފައިވާއިރު، ޕާންޑޭ ވަނީ ބޮލީވުޑްގެ ރާޑަރަށްވެސް މިހާރު އަރާފައެވެ. އެގޮތުން އޭނާގެ ހަޔާތުގެ ކާމީޔާބީގެ މައްޗަށް ބިނާކޮށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފެށުން އޮތީ މާ ދުރުގައި ނޫންކަންވެސް ފާހަގަކުރަންޖެހެއެވެ.

ޕާންޑޭ އެންމެ ފުރަތަމަ ހައްލު ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކޭހަކީ 2011 ވަނަ އަހަރު، ބައްޕައަކު އޭނާގެ ދަރިފުޅު ކިޑްނެޕްކޮށްގެން އުޅުނު ކޭހެވެ. އެ ބައްޕައަކީ ޅަ ދުވަހުން ފެށިގެން އެ ދަރިފުޅު ދޫކޮށްލާފައި ހުރި ބައްޕައެކެވެ.

އުމުރުން 52 އަހަރުގެ ކޮންސްޓަބަލް ބުނި ގޮތުގައި ކުޑަކުދިން ގެއްލިގެން ރިޕޯޓްކުރާ މައްސަލަތައް ހައްލުކޮށްދިނުމަކީ ބޮޑެތި ޖިނާއީ ކުށްތަކަށް ހައްލު ހޯދުމަށްވުރެ ވަކިން ބޮޑު ސަމާލުކަމެއް އޭނާ ދޭ މައްސަލަތަކެކެވެ.

ޕާންޑޭގެ މަސައްކަތްތަކަށް ގިނަ ބައެއްގެ ތައުރީފު ލިބެއެވެ. ވަކިން ހާއްސަކޮށް، މުމްބާއީގެ ޕޮލީސް ކޮމިޝަނަރު ދައްތާ ޕަދްސަލްގިކާރަށް ޕާންޑޭގެ މަސައްކަތްތައް ކަމުދެއެވެ. މުމްބާއީގެ ޕޮލިސް ކޮމިޝަނަރު ވަނީ 'ޕާންޑޭ މޮޑިއުލް'ގެ ނަމުގައި ހާއްސަ އުސޫލުތަކެއްވެސް މުމްބާއީ ފުލުހުންގެ ހިދުމަތަށް ތައާރަފުކޮށްފައެވެ. އެއީ މީހަކަށް ވީނުވީ ނޭނގި ގެއްލިގެން ރިޕޯޓްކުރާ ކޭސްތައް ހައްލުކުރުމަށް ފުލުހުން އަމަލުކުރަންޖެހޭ އުސޫލެވެ. އެ އުސޫލަކީ، މިފަދަ ކޭސްތަކުގައި ޕާންޑޭ ގެންގުޅޭ އުސޫލުތަކެވެ.

ކޭސްތައް ހައްލު ކުރުމުގައި ޕާންޑޭ ހަރަކާތްތެރިވަނީ ހަމައެކަނި ފުލުހެއްގެ ގޮތުގައެއް ނޫނެވެ. ސިފަ ބަދަލުކޮށްގެން މައްސަލަތައް ހައްލު ކުރުމަކީވެސް ޕާންޑޭގެ ހާއްސަ ހުނަރެކެވެ. އެގޮތުން މުދާ އުފުލާ މީހެއްގެ ގޮތުގައި މަސައްކަތްކޮށްގެންވެސް ޕާންޑޭ ވަނީ ގެއްލިފައިވާ މީހުން ހޯދާފައެވެ. މީގެ އިތުރުން އިޖުތިމާއީ ނެޓްވާކް ވަރުގަދަ ކުރުމަކީވެސް ބާންޑޭގެ ހުނަރެކެވެ.

އިންޑިއާ ފުލުހުންގެ ހިދުމަތުގައި ފާއިތުވީ 26 އަހަރު ހޭދަކުރި ޕާންޑޭ ވަނީ 3 ޕޮލީސް ސްޓޭޝަނެއްގައި މަސައްކަތްކޮށްފައެވެ. 2005 ވަނަ އަހަރުން ފެށިގެން މި ސްޓޭޝަންތަކަށް ހުށަހެޅުނު 1 މައްސަލަ ފިޔަވާ އެހެން ހުރިހާ ކޭސްއެއްވެސް ހައްލުކޮށްފައިވާ ޕާންޑޭގެ ލަފާ ހޯދަން މިއަދު އިންޑިއާގެ ހުރިހާ ހިސާބަކުންވެސް ފުލުހުން ޝައުގުވެރިވެއެވެ.