ކުރިއަށް އޮތް އިންތިހާބުގައި ރާއްޖެއިން ބޭރުގެ ގައުމުތަކުގައި 150 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ނަމަ އެގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި ނައިބު ރައީސް، އަހުމަދު އަކްރަަމް ވިދާޅުވީ، ބޭރުގައި ތިބޭ ރާއްޖޭގެ މީހުން ވޯޓު ދޭން ބޭނުންނަމަ ރަޖިސްޓްރީކުރުމުގެ ފުރުސަތު އެފަރާތްތަކަށް މިފަހަރު ވެސް އެބައޮތް ކަމަށެވެ.

އަކްރަމް ވިދާޅުވީ، ރާއްޖޭގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމަ އެގައުމެއްގައި ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސާ ވޯޓު ފޮށު ބަހައްޓާދޭނެ ކަމަށެވެ. ހަމައެފަދައިން، ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭ ކަމަށާއި ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފައިވާނަމަ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، އެ އިންތިހާބުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ. އަދި އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ވަނީ ނުވަ ޝަކުވާއެއް ލިބިފައެވެ. މިކަމާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ، އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ހުރިހާ ޝަކުވާތަކަަކަށް ބެލުމަށް ފަހު މި ހަފްތާ ނިމޭ ހިސާބަށް ނެރޭނެ ކަމަށެވެ.

އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެއެވެ. އީސީން ބުނީ، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިން ކަމަށެވެ. އަދި އެ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.