އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި ގުޅިގެން އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

ސީއޭއޭ މުޒާހަރާތަކާ ގުޅިގެން އިންޑިއާގައި ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 23 އަށް އަރާފައިވާ މިވަނީ، ވެރިކަން ކުރާ ބީޖޭޕީގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓްއިން ހޮނިހިރު ދުވަހު މަރުވި 9 މީހުންނާއެކުގައެވެ. މަރުވި މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު އެންމެ ގިނަ މީހުން މަރުވީވެސް މި ސްޓޭޓުންނެވެ. އުއްތަރަ ޕްރަދޭޝްއިން 15 މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށް ފުލުހުންގެ ތަރުޖަމާނު ޕަރުވީން ކުމާރު ވަނީ ވިދާޅުވެފައެވެ.

ކުމާރު ވިދާޅުވީ މަރުވި ގިނަ މީހުން މަރުވީ ވަޒަން އަރައިގެން ކަމަށާ، ނަމަވެސް އެއީ ފުލުހުން ޖެހި ވަޒަންތަކެއް ނޫންކަމަށެވެ. މުޒާހަރާ ކޮންޓްރޯލް ކޮށް ހަމަނުޖެހުންތައް ކުޑަކުރުމަށްޓަކައި ފުލުހުން ބޭނުންކުރަނީ ކަރުނަ ގޭސް ކަމަށްވެސް ކުމާރު ވަނީ ވިދާޅުވެފައެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓްގައި މުޒާހަރާތައް ހޫނުވަމުންދާ ދިއުމާ ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެންޓި-ޓެރަރިޒަމް ސްކޮޑްވެސް ފޯރިމެރުމަށް މަގުތަކަށް ނެރެފައެވެ. އަދި 48 ގަޑިއިރަށް އުއްތަރަ ޕްރަދޭޝްއިން އިންޓަނެޓްގެ ހިދުމަތްވެސް މުޅިން ކަނޑާލާފައިވާކަމަށް ޚަބަރު ލިބެއެވެ.

އުއްތަރަ ޕްރަދޭޝްއިން ހުކުރު ދުވަހު އެކަނިވެސް 6 މީހުން މަރުވިއިރު، 8 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު މި ސްޓޭޓުން އެކަނިވެސް 600 އެއްހާ މީހުން މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ފުލުހުން މައުލުމާތު ދެއެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް މުޒާހަރާތައް ފެތުރިފައިވާއިރު، މިއީ 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނަރޭންދްރާ މޯދީއަށް ކުރިމަތިލައްވަންޖެހިފައިވަޑައިގެންފައިވާ އެންމެ ސީރިއަސް މައްސަލަ ކަމަށް މުރާސިލުން ބުނެއެވެ.