އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި ދެކޮޅަށް އެގައުމުގެ އެކި ހިސާބުތަކުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު އުއްތަރަ ޕްރަދޭޝްގައި ހަމަނުޖެހުން ހިންގާ، މުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާކަމަށް ހޮސްޕިޓަލުތަކުގެ ރެކޯޑްތަކުން ދައްކައިފިއެވެ.

ހުކުރު ދުވަހު މަރުވި 10 މީހުންނާއެކު 48 ގަޑިއިރުގެ ތެރޭގައި އުއްތަރަ ޕްރަދޭޝްއިން މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ. މީގެ އިތުރުން އެތައް ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ހޮސްޕިޓަލުތަކުގެ ރެކޯޑްތަކުން ދައްކައެވެ.

ކަންމިހެން އޮތް ނަމަވެސް އިންޑިއާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި މަރުވެފައިވަނީ އެންމެ 6 މީހުންނެވެ. މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކުގެ ބައެއް އޮފިސަރުންގެ ގަޔަށް ވަޒަން އަރާފައި ހުރިއިރު، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ބުނަމުންދަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ލައިވް ވަޒަން ބޭނުން ކުރަމުން ނުދާނެ ކަމަށެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާޙަރާއެއްގެ ފުލުހުންގެ ބެލުމުގެ ދަށުގައި ބަސްތަކެއްގައި ދަރިވަރުންތަކެއް މުޒާހަރާއާއި ދުރަށް ގެންދަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މުޅި އިންޑިއާއަށްހެން މުޒާހަރާތައް ފެތުރިފައިވާއިރު ގިނަ ސަރަހައްދުތަކެއްގައި ވަނީ ކާފިއު އިއުލާންކޮށް، އިންޓަނެޓްގެ ހިދުމަތްތައްވެސް މެދުކަނޑާލާފައެވެ. އެންމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ އެއް ބަޔަކީ މީރޫތު މެޑިކަލް ކޮލެޖުގެ ދަރިވަރުން ކަމަށްވާއިރު، ހުކުރު ދުވަހުގެ ހަމަނުޖެހުންތަކުގައި އެ ޔުނިވާސިޓީއިން 4 ދަރިވަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މަންގަލޫރާއި މަހާރާޝްތްރާއަށްވެސް މުޒާހަރާތައް ފެތުރިފައިވާއިރު، ޕޫނާގައިވެސް އެއްވުންތައް ބާއްވަމުން އަންނަ ކަމުގެ ޚަބަރުތައް ލިބެއެވެ. ވެރިރަށް ނިއުދިއްލީގައިވެސް މުޒާހަރާތަކުގެ ރޫހު ދަނީ ވަރުގަދަ ވަމުންނެވެ. ދިއްލީގައި އެންމެ ވަރުގަދައަށް މުޒާހަރާ ކުރަމުންދަނީ ޖާމާ މިސްކިތް ކައިރި ހިސާބުތަކުގައެވެ.

އިންޑިއާގައި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެގައުމުގެ އާންމު ހާލަތު ވެއްޓިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލާ، ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ.

އިންޑިއާގެ ރަށްވެހިކަމަށް އިސްލާހު ގެނައުމުގެ ގާނޫނަކީ ކޮބާ؟

ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ)އަކީ ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވެފައިވާ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ޣައިރު މުސްލިމުންނަށް އިންޑިއާއިން ރަށްވެހިކަން ކަށަވަރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނީ އިސްލާހެކެވެ.

ހިންދޫ ފިކުރުގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަން ހިންގަމުން އަންނަ އިންޑިއާ ސަރުކަރުން ބުނާ ގޮތުގައި މި ގާނޫނަކީ އާބާދީގައި މުސްލިމުންނަށް އަގުލަބިއްޔަތު އޮންނަ 3 ގައުމުގައި، ނިސްބަތުން ބައި މަދު ދީންތަކުގެ މީހުންނަށް ކުރިމަތިވާ 'އިހާނެތި' ހާލަތްތަކުން ސަލާމަތްވުމަށް ރައްކާތެރި ފަސްގަނޑެއް ފޯރުކޮށްދީ، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާކޮށްދިނުމުގެ މަގުސަދުގައި އިސްލާހު ކުރެވުނު ގާނޫނެކެވެ.

އިންޑިއާގެ އައްސާމް ސްޓޭޓްގެ ރަށްވެހިކަން ކަށަވަރުކުުރުމުގެ މަރުހަލާ ކުރިއަށްދަނީ/ފޮޓޯ: އަނޫޕާމް ނާތު

ކަންމިހެން އޮތްއިރު ސީއޭއޭގެ މައްސަލަ މިހާ ހޫނުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ، މި ދަނޑިވަޅަކީ އިންޑިއާގެ ސައްހަ ރަށްވެހިކަން ބަޔާންކުރާ ގައުމީ ލިސްޓެއް (އެންއާރްސީ) ޝާއިއު ކުރާނެކަން އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފައިވާ ދަނޑިވަޅަކަށް ވާކަމެވެ. މި ލިސްޓަކީ، މިހާރު އިންޑިއާގައި ދިރިއުޅޭ ހިޖުރަވެރި އާއިލާތަކުގެ ދޮށީ މެމްބަރުންނަކީ އިންޑިއާގައި ވަޒަންވެރި ބައެއްކަން ސާބިތު ނުކޮށްދެވުނު މީހުންގެ ނަންތައް، އިންޑިއާގެ ރަށްވެހިންގެ ލިސްޓުން އުނިކުރުމަށްފަހު އާންމުކުރާ ލިސްޓެކެވެ.

އިންޑިއާގެ އިރު އުތުރު އައްސާމް ސްޓޭޓްގައިވެސް މިފަދަ ދަފުތަރެއް ވަނީ އާންމުކޮށްފައެވެ. މި ލިސްޓު އާންމު ކުރުމާއެކު، އެއްވެސް ވަޒަނެއް ނެތް މީހުންގެ އަދަދު 1.9 މިލިއަނަށް އަރައިގެންދިޔައެވެ.

އެންއާރްސީއާއި ސީއޭއޭއަކީ ފުދޭ ވަރަކަށް ބޮޑަށް ގުޅިފައިވާ 2 އެއްޗެކެވެ. މިތަނުން ފަހުން ބަޔާންކުރެވިދިޔަ ސީއޭއޭއަކީ، އެންއާރްސީ އިން އުނިކުރެވިފައިވާ ގިނަ އަދަދެއްގެ ޣައިރު މުސްލިމުންނަށް ކުރިމަތިވެފައިވާ ޑީޕޯޓްކުރުމުގެ ނުރައްކަލުން އެމީހުން ސަލާމަތްވާ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނީ އިސްލާހެކެވެ.

ސީއޭއޭ އާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރަނީ ކީއްވެ؟

އިންޑިއާގެ މުސްލިމު ރަށްވެހިންގެ އާބާދީ ބުނާ ގޮތުގައި އެކަށީގެންވާ ލިޔުންތަކެއް ކަށަވަރުކޮށްދިނުމަށް އެމީހުން ފެއިލްވެއްޖެނަމަ ވަޒަނެއް ނެތި މަގުމަތިވުމުގެ ފުރުސަތު އެމީހުންނަށް އެބަ އޮތެވެ. ސީއޭއޭއަށް ފާޑުކިޔާ ފަރާތްތަކުންވެސް ބުނާ ގޮތުގައި، މިއީ ވަކި ބަޔަކު ބާކީވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނެކެވެ.

ކަންމިހެން އޮތް ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވަނީ މި އިސްލާހުގެ ސަބަބުން އިންޑިއާގެ އެއްވެސް ރަށްވެއްސަކަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. މޯދީ ވިދާޅުވާ ގޮތުގައި އިންޑިއާގައި މިހާރު ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކަކީ އެގައުމުގެ އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު މައުލޫމާތާ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން، އެމީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ހަމަނުޖެހުންތަކެކެވެ. އަދި ހަގީގަތެއް ނެތް މަންޒަރުތަކެއް އިންޑިއާއިން ދެއްކުމަށް މަސައްކަތް ކުރަމުންދަނީވެސް އެމީހުން (އިދިކޮޅު ފަރާތްތައް) ކަމަށްވެސް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ.