އޮމާން، މަޑު ހަންގަނޑެއް ލިބުމަކީ ހަމަ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. ނަމަވެސް އާއިލީ ގޮތުން ވާރުތަކޮށްފައިވާ ޖީންސްއާއި ތިމާވެށީގެ ހާލަތު ފަދަ އެތައް ސަބަބަކާ ހެދި ހަންގަނޑަށް އެތައް ގެއްލުމެއް ލިބެއެވެ.

ބައެއް މީހުންގެ ގައިގެ ހަމަކީ އާދަޔާ ހިލާފަށް ހިކޭ ހަންގަނޑެވެ. މިހެން ހިކެމުން ގޮސް އިތުރު ކުރަކިވެ، އިތުރު ވޭންތަކަކާ ތަކުލީފުތަކެއްވެސް އުފުލަންޖެހޭ ފަހަރު އާދެއެވެ. މިކަން މިހެން މެދުވެރިވަނީ ހަމުގެ މަތީ ފަށަލައިގެ ތެތްކަން ހިފެހެއްޓޭ މިންވަރަށް ހަންގަނޑުގެ ތެރޭގައި ތެޔޮކަން ނުވަތަ ތެތްކަން ނުހުންނާތީއެވެ. ނަމަވެސް މިއީ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދިދާނެ މައްސަލައެކެވެ.

ސައިބޯނި ބޭނުންކުރާ މިންވަރު މަދުކުރުން

ބައެއް ކަހަލަ ސައިބޯންޏަކީ ހަމުގައި އެކުލެވޭ ގުދުރަތީ ތެޔޮ ކަމުގެ މާއްދާ އަށް ނޭދެވޭ އަސަރު ކުރުވާ މާއްދާތަކެއް އެކުލެވޭ ސައިބޯންޏެވެ. މިކަން އެންމެ އާންމުކޮށް ކުރިމަތިވަނީ ސައިބޯނީގެ ތެރެއިންވެސް ޑިއޯޑަރަންޓްއާއި ސެންޓް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސައިބޯނި ބޭނުންކުރާ ފަރާތްތަކަށެވެ.

ހަމުގެ މައްސަލަ ހުންނަ މީހުން ބޭނުންކުރަން ރަނގަޅު ބައެއް ބްރޭންޑްތައް/ފޮޓޯ: ޕިންޓްރެސްޓް

ހަމުގެ މައްސަލަ ހުންނަ ނަމަ 'ސޯޕް-ފްރީ' ސައިންބޯންޏެއް ހޯދާށެވެ. މިއީ ހަންގަނޑަށް މާ ހަރުކަށި އަދަބުތަކެއް ދޭނެ ސައިބޯންޏެއް ނޫނެވެ. މިޒާތުގެ ސައިބޯނި ދިވެހި ބާޒާރުތަކުންވެސް ފަސޭހައިން ލިބެން އެބަހުއްޓެވެ. ހަމުގެ މައްސަލަ ހުންނަ މީހުން ބޭނުންކުރަން ރަނގަޅު ސައިބޯނި ބްރޭންޑްތަކުގެ ތެރޭގައި ޑަވް، އޯލޭ އަދި ސީޓާފިލް ފަދަ ބްރޭންޑްތައް ހިމެނެއެވެ. މިފަދަ ބްރޭންޑްތަކަކަށް ބަދަލުކޮށްލުމަށްފަހުގައިވެސް ހަމުގެ މައްސަލަ ކުރިމަތިވާނަމަ، ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިރުޝާދު، ވީ އެންމެ އަވަހަކަށް ހޯދަން ވާނެއެވެ.

ވަސްނުދުވާ ދޮންނަނުކުނޑި ނުވަތަ ލިކުއިޑް ބޭނުން ކުރުން

އަންނައުނާއި ބެޑްޝީޓް އަދި ތުވާލި ފަދަ ގައިގެ ހަމުގައި ސީދާ ގޮތުން ޖެހޭ އެއްޗިހި ދޮވުމަށް ބޭނުންކުރާ ދޮންނަ ކުނޑި ނުވަތަ ދިޔާ މާއްދާއެއްގެ ސަބަބުންވެސް ހަމުގެ ހާލަތަށް ބަދަލު އައިސްދާނެ ކަމީ ބައެއް މީހުންނަށް ވިސްނާ ނުލެވި އޮންނަ ކަމެކެވެ. ނަމަވެސް މިއީވެސް ހާޢްސަ ސަމާލުކަމެއް ދޭންޖެހޭ އެއްޗެކެވެ.

ކިތަންމެ ވަރަކަށް ސައިބޯނި ބަދަލުކޮށް މޮޅެތިހާ ލޯޝަންތައް ބޭނުންކުރި ކަމުގައި ވީ ނަމަވެސް ޑިޓާޖަންޓްއަށް ސަމާލުކަން ނުދެވޭނަމަ މިމައްސަލައަށް ހަގީގީ ހައްލެއް އޮންނާނީ ނުލިބިފައެވެ.

އޮޓޮމެޓިކް މެޝިނުން އެއްޗިހި ދޮންނައިރު ޑިޓާޖަންޓްގެ ގޮތުގައި ބޭނުންކުރާ ޕޮޑްސް/ފޮޓޯ: ވިކިވޯންޑް

ދޮންނަ ކުނޑި ނުވަތަ ދިޔާ ޑިޓާޖަންޓެއް ހޯދާއިރު މަސްނޫއީ މާއްދާތަކުން އޭގައި ވަހެއް ޖައްސާފައިވާ ބްރޭންޑްތަކާ ދުރުވުން ބުއްދިވެރިއެވެ. އަދި ދޮވެ، ފެންލުމުގެ މަރުހަލާތަކުގައި ބޭނުން ކުރާ ސޮފްޓްނާ ނުވަތަ ފެބްރިކް ކޮމްފޯޓް ފަދަ މީރުވަސްދުވާ އުފެއްދުންތަކާވެސް ދުރުވާންޖެހެއެވެ.

ޕެޓްރޯލިއަމް ޖެލީގެ ފައިދާ އެނގޭތަ؟

ޕެޓްރޯލިއަމް ޖެލީއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ހަންގަނޑަށް ފައިދާ ލިއްބައިދެނިވި އެއްޗެކެވެ. ޕެޓްރޯލިއަމް ޖެލީއަކީ ގުދުރަތީ މިނަރަލްތަކުން ނަގާ ތެލެކެވެ. މީގެ ސަބަބުން ހަންގަނޑުގައި ހިމާޔަތުގެ ފަށަލައެއް ލެވެއެވެ. ހަންގަނޑު ހިކި، ކުރަކިވުން ނުވަތަ ބޯވުން ފަދަ މައްސަލަތަކެއް ކުރިމަތިވާނަމަ އެ ސަރަހައްދެއްގައި ޕެޓްރޯލިއަމް ޖެލީ ކޮޅެއް އުނގުޅާލާށެވެ. މިއީ އެ ސަރަހައްދެއްގައި ތެތްކަމާ ތެޔޮކަން ހިފަހައްޓާދޭނެ ބާވަތަކެވެ.

ޕެޓްރޯލިއަމް ޖެލީ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ވެބްއެމްޑީ

ސާފު ޕެޓްރޯލިއަމް ޖެލީ ބޭނުންކޮށްގެން އުފައްދާފައިވާ ބައެއް އުފެއްދުންތައް ދިވެހި ބާޒާރުންވެސް ލިބެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ ވެސްލީންއެވެ. އިތުރު މާއްދާތަކާ އެއް ނުކޮށް ހުންނަ ވެސްލީންއަކީ ހަމުގެ މައްސަލަ ހުންނަ މީހުން ބޭނުން ކުރަން ރަނގަޅު ބާވަތެކެވެ.

ޒަމާންވީ އެކުވެރި ކާށިތެޔޮ

ގުދުރަތީ މާއްދާތަކުން ހައްލު ހޯދަން ވިސްނާއިރު ސާފު ތާސީރު އެކުލެވިގެންވާ ކާށި ތެލުގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. މިއީ ހަމަށް ލިބިފައިވާ އަނިޔާތަކަށް ލިޔެއް ހޯދާޑިނުމުގެ އިތުރުން ހަމުގެ ތެތްކަމާ ތެޔޮކަން، ގިނަ ވަގުތުތަކަކަށް ހިފަހައްޓާދޭނެ ބާވަތެކެވެ.

ކާށިތެލަކީ ހަށިގަނޑުގެ އެންމެ ސެންސިޓީވް ހިސާބުތަކުގައިވެސް ބޭނުންކުރަން ހަމަ އެންމެ ރަނގަޅު ތެލެވެ. ކާށިތެޔޮ ހޯދާއިރުވެސް އެއީ އިތުރު މާއްދާތަކަކާ މަސްހުނި ނުކޮށް ހުރި ބާވަތެއްތޯ ކަށަވަރު ކުރަން ވާނެއެވެ. ސާދާ ކާށި ތެޔޮ ފުޅިއެއް ނަމަ ފިނިތަނެއްގައި ބެހެއްޓުމުން ޒާތެއްގެ ހުދުކުލައެއް އަރާ، ގަނޑުވާނެއެވެ. އަދި އިތުރު ކަމެއް ނުކޮށް ކުޑަކޮށް އަވީގައި ޖައްސާލުމުން ނުވަތަ ހޫނުކޮށްލުމުން ތެލަށް ބަދަލުވާނެއެވެ.

ފެންވަރަން ބޭނުންކުރާ ފެނުގެ ތެރެއަށް އެއްކުރުމަށް ތައްޔާރުކޮށްފައިވާ އޯޓްމީލް ޕައުޑަރު/ފޮޓޯ: ބިއުޓީ ކްރާފްޓާ

އޯޓްމީލްއިން ފެންވެރުން

މިއީވެސް ހަމުގެ މައްސަލަތައް ދިމާވާ މީހުންނަށް އޮތް ލުއި ހައްލެކެވެ. އަދި ކުރަން ފަސޭހަވެސް ކަމެކެވެ. ޖޯޑެއްހާ އޯޓްމީލް، ފުޑްޕްރޮސެސަރުގައި ރަނގަޅަށް ހިމުން ކޮށްލާށެވެ. އަދި ފެންވަރާ ބިލިގާއެއް ހުރިނަމަ އޭގެ ތެރެއަށް އޯޓްމީލް އަޅައިގެން އޭގައި ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. ބިލިގާއެއް ނެތް ނަމަ، ބާލިދީ އެއް ނުވަތަ ބޮޑު ތައްޓަކަށް ފެން ފުރުމަށްފަހު އޯޓްމީލްކޮޅު އެއާ އެއްކޮށްލައިގެން މަޑުމަޑުން ފެންވަރާލާށެވެ.

އަނގިއާއި ގުޅުން ބަދަހިކުރުން

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި އަންގި ބޭނުން ކުރާނީ ފަކުރު ގަންނަ މީހުންނެނެވެ. ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ހީއެއް ނޫނެވެ. ގޭތެރޭގެ އެކި މަސައްކަތްތައް ކޮށް އުޅޭއިރު އެކަމަށް ހާއްސަ އަންގިއެއް ބޭނުން ކުރަން އާދަކުރާށެވެ. ތަށި ދޮވުމުން ފެށިގެން ގޮސް ހިރަސްފުސް ފޮޅުން ފަދަ ކަންކަމަށްވެސް ހާއްސަ އަނގިތަކެއް ގެންގުޅޭށެވެ. އެއިރުން އެތަނެއްގައި ހުންނަ އިތުރު ޖަރާސީމުތަކުން ހަމަށް ކުރާ ނޭދެވޭ އަސަރު އެތައް ގުނައެއް ކުޑަކޮށްދޭނެއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް ހަމުގެ މައްސަލަ ކުރިމަތިވާ މީހުން ސަމާލުކަންދޭންޖެހޭ އިތުރު ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފެންވަރަން ބޭނުންކުރާ ފެނުގެ ފިނި ހޫނުމިނަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ފެންވެރުމަށް އެންމެ ރަނގަޅީ ތާފަނާ ފެން ނުވަތަ އާންމު ފިނިހޫނުމިން ހުންނަ މިންވަރަށް ހޫނުކަމާ ފިނިކަން ބެލެންސް ކުރެވިފައި ހުންނަ ފެނެވެ. މާ ފިނި ނުވަތަ މާ ހޫނު ފެނުން ފެންވެރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. ފެންވަރާ ނިމުމަށްފަހު ރީތިވާ އުސޫލުން، ދޭތެރެ ދޭތެރެއިން ހަމުގައި މޮއިޒްޗަރައިޒާއެއް ބޭނުންކުރާށެވެ. މޮއިޒްޗަރައިޒާ ބޭނުންކުރުން އެންމެ ރަނގަޅީވެސް ކުޑަކޮށް ތެތްކަމެއް ހަމުގައި ހުންނަ އިރުއެވެ.

ތާޒާ ކާށިތެޔޮ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕެރޭޑް

އާދަޔާ ހިލާފަށް ހޫނުވުމަކީވެސް ހަންގަނޑުގައި ތެތްކަން ހިފަހައްޓާ ތެލުގެ މާއްދާތައް ގެއްލިގެންދާ ސަބަބެކެވެ. އެހެންކަމުން، ދޭތެރެއަކުން ހަންގަނޑުގައި ފިނި ފޮތިކޮޅެއް ހާކާލަން ހަނދާން ކުރާށެވެ. މީގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނަންޖެހެއެވެ. ސްޓްރެސްއާއި ދުރުވެ، ފައިދާ އެއްނެތް ކޫސަނި ކާބޯތަކެއްޗާވެސް ދުރުވާންޖެހެއެވެ.

މިހާ ހިސާބުންވެސް ހައްލެއް ނުލިބިއްޖެނަމަ ސިއްހީ އެހީތެރިންގެ އިރުޝާދު ހޯދުން އެދެވިގެންވެއެވެ. ވަކި މީހެއްގެ ހަންގަނޑު އޮމާންވެ ރީތިކޮށް ހުންނަނީ ވަކި ބޭހެއް ބޭނުންކުރާތީއޭ ބުނެ އެ ބޭހެއް އަމިއްލައަށް ބޭނުން ކުރަން ނުފަށާށެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ.