އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)އާއި އެކު އެ ގައުމުގެ އެކި ހިސާބުތަކުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިންގާފައިވާއިރު މި ހަމަނުޖެހުންތަކާ ގުޅިގެން 3 މީހަކު މަރުވެއްޖެއެވެ.

މެންގަލޫރުން 2 މީހެއްގެ ފުރާނަ ގެއްލިފައިވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ލައިވް ވަޒަން ބޭނުން ކުރުމުގެ ސަބަބުންނެވެ. 3 ވަނަ މީހާ މަރުވެފައިވަނީ ލަކްނޯއިންނެވެ. އެމީހާވެސް މަރުވެފައިވަނީ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުމެއްގައި ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހްއާއިއެކު އެގައުމުގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށި ސިލްސިލާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިވަނީ 9 އަށް އަރާފައެވެ.

ދިއްލީއާއި އުއްތަރަ ޕްރަދޭޝްއަދި ކަރުނާޓަކާ ސަރަހައްދުގައި މުޒާހަރާ ކުރިއަށް ނުގެންދެވޭ ގޮތަށް އަމުރު އިއުލާންކޮށްފައި ވީ ނަމަވެސް އެތައް ހާސް ބަޔަކު ދަނީ މި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

މިކަމާ ގުޅިގެން ކުށްލި ބައްދަލުވުމެއް ބޭއްވުމަށް އިންޑިއާގެ ދާހިލީ ވަޒީރު ތައްޔާރުވަމުންދާކަމުގެ ޚަބަރުތަކެއް ވަނީ ލިބިފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާޙަރާގެ ތެރެއިން ލަކްނޯގެ ބަހެއްގައި ހުޅުޖަހާ ރޯކޮށްލާފައި/ފޮޓޯ: ބީބީސީ

ކާފިއުގެ އަމުރު އިއުލާންކޮށްފައިވަނިކޮށް މުޒާހަރާކުރަން ނިކުތް މީހުންގެ ތެރެއިން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް 100 އަށްވުރެ ގިނަ މީހުން ގެންގޮސްފައިވާއިރު، އިންޑިއާގެ ބޮޑު ސަރަހައްދަކުން އިންޓަނެޓްގެ ހިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ.

އިންޑިއާގެ ވިޔަފާރީ މަރުކަޒީ ރަށް ކަމަށްވާ މުމްބާއީ ސިޓީގައިވެސް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާއިރު، ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ ބޮލީވުޑް ސިނާއަތުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު މިހާރުވެސް ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި މުޒާހަރާތަކަށް އެއްބާރުލުން ދީ، ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިންޑިއާގެ ރަށްވެހިކަމަށް އިސްލާހު ގެނައުމުގެ ގާނޫނަކީ ކޮބާ؟

ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ)އަކީ ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވެފައިވާ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ޣައިރު މުސްލިމުންނަށް އިންޑިއާއިން ރަށްވެހިކަން ކަށަވަރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނީ އިސްލާހެކެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލް 'ކެބް'އާއި ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ސީބީސީ

ހިންދޫ ފިކުރުގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަން ހިންގަމުން އަންނަ އިންޑިއާ ސަރުކަރުން ބުނާ ގޮތުގައި މި ގާނޫނަކީ އާބާދީގައި މުސްލިމުންނަށް އަގުލަބިއްޔަތު އޮންނަ 3 ގައުމުގައި، ނިސްބަތުން ބައި މަދު ދީންތަކުގެ މީހުންނަށް ކުރިމަތިވާ 'އިހާނެތި' ހާލަތްތަކުން ސަލާމަތްވުމަށް ރައްކާތެރި ފަސްގަނޑެއް ފޯރުކޮށްދީ، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާކޮށްދިނުމުގެ މަގުސަދުގައި އިސްލާހު ކުރެވުނު ގާނޫނެކެވެ.

ކަންމިހެން އޮތްއިރު ސީއޭއޭގެ މައްސަލަ މިހާ ހޫނުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ، މި ދަނޑިވަޅަކީ އިންޑިއާގެ ސައްހަ ރަށްވެހިކަން ބަޔާންކުރާ ގައުމީ ލިސްޓެއް (އެންއާރްސީ) ޝާއިއު ކުރާނެކަން އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފައިވާ ދަނޑިވަޅަކަށް ވާކަމެވެ. މި ލިސްޓަކީ، މިހާރު އިންޑިއާގައި ދިރިއުޅޭ ހިޖުރަވެރި އާއިލާތަކުގެ ދޮށީ މެމްބަރުންނަކީ އިންޑިއާގައި ވަޒަންވެރި ބައެއްކަން ސާބިތު ނުކޮށްދެވުނު މީހުންގެ ނަންތައް، އިންޑިއާގެ ރަށްވެހިންގެ ލިސްޓުން އުނިކުރުމަށްފަހު އާންމުކުރާ ލިސްޓެކެވެ.

އިންޑިއާގެ އިރު އުތުރު އައްސާމް ސްޓޭޓްގައިވެސް މިފަދަ ދަފުތަރެއް ވަނީ އާންމުކޮށްފައެވެ. މި ލިސްޓު އާންމު ކުރުމާއެކު، އެއްވެސް ވަޒަނެއް ނެތް މީހުންގެ އަދަދު 1.9 މިލިއަނަށް އަރައިގެންދިޔައެވެ.

އެންއާރްސީއާއި ސީއޭއޭއަކީ ފުދޭ ވަރަކަށް ބޮޑަށް ގުޅިފައިވާ 2 އެއްޗެކެވެ. މިތަނުން ފަހުން ބަޔާންކުރެވިދިޔަ ސީއޭއޭއަކީ، އެންއާރްސީ އިން އުނިކުރެވިފައިވާ ގިނަ އަދަދެއްގެ ޣައިރު މުސްލިމުންނަށް ކުރިމަތިވެފައިވާ ޑީޕޯޓްކުރުމުގެ ނުރައްކަލުން އެމީހުން ސަލާމަތްވާ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނީ އިސްލާހެކެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާޙަރާއެއްގެ ފުލުހުންގެ ބެލުމުގެ ދަށުގައި ބަސްތަކެއްގައި ދަރިވަރުންތަކެއް މުޒާހަރާއާއި ދުރަށް ގެންދަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ސީއޭއޭ އާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރަނީ ކީއްވެ؟

އިންޑިއާގެ މުސްލިމު ރަށްވެހިންގެ އާބާދީ ބުނާ ގޮތުގައި އެކަށީގެންވާ ލިޔުންތަކެއް ކަށަވަރުކޮށްދިނުމަށް އެމީހުން ފެއިލްވެއްޖެނަމަ ވަޒަނެއް ނެތި މަގުމަތިވުމުގެ ފުރުސަތު އެމީހުންނަށް އެބަ އޮތެވެ. ސީއޭއޭއަށް ފާޑުކިޔާ ފަރާތްތަކުންވެސް ބުނާ ގޮތުގައި، މިއީ ވަކި ބަޔަކު ބާކީވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ގާނޫނެކެވެ.

ކަންމިހެން އޮތް ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވަނީ މި އިސްލާހުގެ ސަބަބުން އިންޑިއާގެ އެއްވެސް ރަށްވެއްސަކަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. މޯދީ ވިދާޅުވާ ގޮތުގައި އިންޑިއާގައި މިހާރު ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކަކީ އެގައުމުގެ އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު މައުލޫމާތާ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން، އެމީހުން އަމިއްލައަށް އުފައްދައިގެން އުޅޭ ހަމަނުޖެހުންތަކެކެވެ. އަދި ހަގީގަތެއް ނެތް މަންޒަރުތަކެއް އިންޑިއާއިން ދެއްކުމަށް މަސައްކަތް ކުރަމުންދަނީވެސް އެމީހުން (އިދިކޮޅު ފަރާތްތައް) ކަމަށްވެސް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

ސުޕްރީމް ކޯޓުން ބުނަނީ ކީކޭ؟

ސީއޭއޭއާއި ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ބައެއް ޕެޓިޝަންތައް ބަލައިގަތުމަށް އެ ކޯޓުން ނިންމިއެވެ.

އިންޑިއާގެ 47 ވަނަ އުއްތަމަ ފަނޑިޔާރު އެސް އޭ ބޯބްޑެ/ފޮޓޯ: ޔޫޓިއުބް ސްކްރީންގްރޭބް

ކަންމިހެން އޮތް ނަމަވެސް، ސީއޭއޭގެ މައްސަލައާއި ގުޅިގެން އެކަން ތަންފީޒުކުރުން ހުއްޓުވާ ދިނުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިއާގެ އެންމެ މަތީ ޝަރުއީ މުއައްސަސާ ކަމަށްވާ އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ވަނީ އިންކާރުކޮށްފައެވެ. އަދި ސީއޭއޭއާއި ގުޅިގެން އިތުރު އަޑުއެހުމެއް ދެން ކުރިއަށް ގެންދާނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކަމަށްވެސް އެކޯޓުން ވަނީ އިއުލާންކޮށްފައެވެ.