އިންޑިއާގެ ރީޓެއިލް ވިޔަފާރީގެ ބާޒާރުތަކުގައި އަލުވީގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.
އިންޑިއާގެ އެތެރޭގެ ބާޒާރުތަކުގައި އަލުވީގެ އަގުތައް އުފުލިފައިވާ ގޮތަށް ބަލާއިރު، އަލުވީގެ އަގު އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ ވެރިރަށް ނިއު ދިއްލީގައެވެ. ދިއްލީގައި އަލުވީގެ އަގު 75 ޕަސެންޓް އުފުލިފައިވާއިރު، ކަލްކަތާގައި އަލުވީގެ އަގުވަނީ ދެގުނަ އުފުލިފައެވެ. ބޮޑެތި އެހެން ސިޓީތަކުގައިވެސް އަލުވީގެ އަގުތައް މައްޗަށް ދާން ފަށާފައި ވާއިރު، މިދަނޑިވަޅަކީ ފިޔާގެ އަގުވެސް އިންތިހާއަށް މައްޗަށް ގޮސްގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ހަރަކާތްތެރި ވަމުންދާ ވަގުތެކެވެ.
އިންޑިއާގެ ބާޒާރުގައި މިވަގުތު އަލުވި ކިލޯއެއްގެ އެވްރެޖު އަގަކީ ގާތްގަނޑަކަށް 20 ރުޕީޒްއެވެ. ނަމަވެސް ދިއްލީގެ ބައެއް ހިސާބުތަކުގައި 32-40 ރުޕީޒްއާ ދެމެދު އަގަކަށް އަލުވި ކިލޯއެއްގެ އަގު އަރާފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކަންމިހެން އޮތްއިރު، އާ ސަޕްލައި ލިބެމުންދާ ކަމަށާ އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އަލުވީގެ އަގު އަނެއްކާވެސް ތިރިވެގެން ދާނެ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 160 ރުޕީޒްއިން 150 ރުޕީޒްއަށް ދަށްކުރެވިފައެވެ. އަދި އެކި ކަހަލަ މުގުގެ ބާވަތްތަކުގެ އަގު އުފުލިދާނެ ކަމަށްޓަކައި އިންޑިއާގެ ސަރުކާރުން ގުދަންކޮށް ރައްކާކޮށްފައި ހުރި ޝިޕްމަންޓްތައްވެސް މިހާރު ވަނީ ބާޒާރަށް ނެރެފައިކަން ފާހަގަ ކުރަން ޖެހެއެވެ.