އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ފާސްކޮށްފިއެވެ.
އެތައް ދުވަހަކަށް ދެމިގެން ދިޔަ ތަހުގީގުތަކަކާ އިންކުއަރީ ތަކަކަށްފަހު ގިނަ ވަގުތުތަކަކަށް ދެމިގެންދިޔަ ބަހުސްގެ މަރުހަލާއަށްފަހު އެމެރިކާގެ ވެރިކަމުން ޓްރަމްޕް އަޒުލް ކުރުމަށް ތިރިގެއިން ނިންމާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޓްރަމްޕްއަކީ އެމެރިކާގެ ތާރީހުގައިވެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އަޒުލުކުރަން ނިންމި 3 ވަނަ ރައީސްއެވެ.
ވެރިކަމުން ޓްރަމްޕް އަޒުލް ކޮށްފައިވަނީ މަގާމުގެ ނާޖާއިޒު ނުފޫޒާއި ބާރު ބޭނުންކުރެއްވި ކަމުގެ މައްސަލާގައެވެ. އެއީ އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާވެސް ގުޅުންހުރި މައްސަލައެކެވެ. އެގޮތުން ޓްރަމްޕްގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ޖޯ ބައިޑްންއާއި އޭނާގެ އާއިލާއާއި ދެކޮޅަށް ތަހުގީގެއް ހިންގެވުމަށް، ޔޫކްރައިންގެ ރައީސްއަށް ޓްރަމްޕް ބާރު ފޯރުއްވި ކަމަށާ، އެކަން ކާމިޔާބު ކުރެއްވުމަށްޓަކައި ނުސީދާ ގޮތުން ޔޫކްރައިންއަށް މާލީ ފިއްތުންތަކެއްވެސް ޓްރަމްޕް ކުރިމަތިކުރެއްވި ކަމަށްވެއެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ވޯޓު ދެއްވާފައިވަނީ 229 މެމްބަރުންނެވެ. ޓްރަމްޕްއާ އެއްކޮޅަށް އަދި އަޒުލުކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 195 މެމްބަރުންނެވެ.
ޓްރަމްޕްއާ ދެކޮޅަށް މަޖިލީހުގައި ވޯޓުލަމުން ދިޔައިރު ޓްރަމްޕް ގެންދެވީ ނައިބް ރައީސް މައިކް ޕެންސްއާއެކު ކެމްޕޭން ރެލީއެއްގައި މިޗިގަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭލީގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓުންނަށް ވަރުގަދަ އަދަބެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަޒުލުކުރެވުނު ޚަބަރު ލިބިވަޑައިގެންނެވި އިރު ސްޓޭޖް މަތީގައި ހޭދަވެގެންދަނީ ފުރިހަމަ ވަގުތެއް ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޑިމޮކްރަޓުންގެ އަމަލުތައް ހުރީ، އަޒުލުކުރުމުގެ ހަގީގީ ބާރުވެރިކަމުގެ އަގު ވައްޓާލަނިވި ރޫހެއްގައި ކަމަށްވެސް ޓްރަމްޕް ވަނީ މިޗިގަން ރެލީގެ ސަޕޯޓަރުންނަށް ވިދާޅުވެފައެވެ.
ކަންމިހެން އޮތްއިރު، އިންސާފަށް ހުރަސްއެޅުއްވި ކަމުގެ މައްސަލައެއްގައިވެސް މަޖިލީހުގައި ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައިއެވެ.
އެމެރިކާގެ 45 ވަނަ ރައީސް ގެ ގޮތުގައި އެމެރިކާގެ ވެރިކަމުގައި ހުންނެވި ޓްރަމްޕް އަޒުލުކުރުމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ނިންމާފައިވާއިރު، ވެރިކަމުގައި ޓްރަމްޕްއަށް ދެމިހުންނެވުމާ ގުޅޭ ނިންމުން ނިންމާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ނުވަތަ ސެނެޓުންނެވެ.
ބޮޑު ދޮގު ސުރުހީއެއް. އަޒުލުކުރަން ފާސްކުރަން މަތިގެޔަށް ފޮނުވަން ތިރިގެއިން ނިންމީ. މަކަރުވެރިންނާއި އޮޅުވާލާމީހުންގެ ކިބައިބް މިޤައުމު ސަލާމަތް ކުރައްވާށި. އާމީން