ޕްރޯ އިވޮލޫޝަން ސޮކާ 2020ގެ ޗައިނާ ވާޝަންއިން، އާސެނަލްގެ މިޑްފީލްފީޑަރު މެސޫތު އޮޒިލް އުނިކޮށްފިއެވެ.

ފުޓުބޯޅަ ވީޑިއޯ ގޭމްއިން އޮޒިލް އުނިކޮށްފައިވަނީ، ޗައިނާގެ ޝީންޖިއާން ސަރަހައްދުގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ މެދު ޗައިނާ ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް އޮޒިލް ފާޑުކިއުމާއެކު ޗައިނާއިން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގައި ޕްރޯ އިވޮލޫޝަން ސޮކާ ފްރެންޗައިޒް ގެނެސްދޭ ނެޓްއީޒްއިން ބުނީ، މިހާރު ނެރެފައިވާ 3 ޓައިޓްލްގެ ޗައިނާ ވާޝަންތަކުންވެސް އޮޒިލް އުނިކޮށްފައިވާކަމަށެވެ.

ޗައިނާއާއި ބެހޭ ގޮތުން އޮޒިލް ދައްކާފައިވަނީ ހައްދުފަހަނައަޅާފައިވާ ވާހަކަތަކެއް ކަމަށާ، އެކަމުގެ ސަބަބުން ޗައިނާގެ ފޭނުންނަށް ހިތްދަތިކަން ލިބިފައިވާކަމަށް ނެޓްއީޒްއިން އާންމުކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާ ހަގީގީ ލޯބި، އަދި ސުލްހަވެސް ގެއްލިފައިވާކަމަށް ނެޓްއީޒް ބުނެއެވެ. މީގެ އިތުރުން މިއީ ފަހުމުކުރެވޭނެ ކަމެއް ނޫންކަމަށާ، މިއީ ބަލައިގަނެ އަދި މައާފު ދެވޭނެ ކަމެއް ނޫންކަމަށްވެސް ނެޓްއީޒްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޮޒިލްއަކީ ހަގީގަތުން އެއްކިބާވެފައިވާ ޚަބަރުތަކުގެ ސަބަބުން 'އޮޅުމެއްގެ' ތެރޭގައި ހުރި މީހެއް ކަމަށް ޗައިނާގެ ހާރިޖިއްޔާއިން ބުނެފައިވާއިރު އާސެނަލްއިންވަނީ ސިޔާސީ ކަންކަމަށް ބަސް ބުނެ އުޅެން އެ ޕާޓީއިން ބޭނުން ނުވާކަމަށް ބުނެފައެވެ.

އިސްލާމް ދީނާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި އެކި ކަހަލަ ކެމްޕޭންތައް ހިންގަމުންދާ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން، ވީގޫރު މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ތަފާތު ވާހަކަތަކެއް ފެންމަތިވެފައެވެ. ވީގުރޫ މުސްލިމުން ގެންގުޅެމުންދަނީ ހަރުކަށި، އަދި ހައި ސެކިއުރިޓީ ޖަލުތަކެއްގައި ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާއިރު، ޗައިނާ ސަރުކާރުން ބުނާ ގޮތުގައި އެ ސަރުކާރުން ހިންގަނީ ވޮކޭޝަނަލް ތަމްރީނު ދޭ މަރުކަޒުތަކެކެވެ.