ސްރީލަންކާގެ ކޮލޮމްބޯ ކްރައިމްސް ޑިވިޝަންއިން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި އެގައުމުގެ ކުރީގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ޗަމްޕިކާ ރަނޯވޮކާގެ ބަންދުގެ މުއްދަތު މިއަދު ނިޔަލަށް އިތުރު ކުރުމަށް ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

ރަނޯވޮކޯއަކީ ސްރީލަންކާގެ ޖޭއެޗްޔޫ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ޔޫއެންއެފް ޕާޓީ ތަމްސީލު ކުރައްވާ މެމްބަރެއްވެސްމެއެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސްރީލަންކާގެ ބަންޑާރަ ނައިބުގެ އޮފީހުން އިތުރު ހެކިތައް ހުށަހަޅާނެކަމަށް ލަންކާ މީޑިއާ ލަފާކުރެއެވެ.

ރަނޯވޮކާ ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރު ހިނގި މަގުމަތީގެ އެކްސިޑެންޓްއަކާ ގުޅިގެންނެވެ. މި އެކްސިޑެންޓްއަކީ ފަރުވާކުޑަވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށް ރެކޯޑްކޮށްފައިވާއިރު މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެސް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ކާރަކާ ސައިކަލެއް ޖެހިގެން ހިނގި މި ހާދިސާގައި ޒަހަމްވި ޒުވާނާގެ ގައިގައި ޖެއްސި އުޅަނު ހޯދުމަށް ދުއްވި ސަންދީޕާ ސަމްޕަތް ނަމަކަށް ކިއާ މީހަކު ބުނާ ގޮތުގައި އެ ވަގުތު ކާރު ދުއްވަން އިންނީ ރަނޯވޮކާއެވެ.

ނަމަވެސް، އެހެން މީހަކު ވަނީ އެކްސިޑެންޓްގެ ޒިންމާ ނަގައިގެން ފުލުހުންނާ ހަވާލުވެފައެވެ.

މިމައްސަލާގައި ސީސީޓީވީ ފުޓޭޖުގެ ބޭނުން ކުރި ކަމުގައި ވީ ނަމަވެސް ހެކީގެ ގޮތުގައި އެ ބޭނުން ކުރެވެން ނެތްކަމަށާ، އެހެނީ ހާދިސާ ހިނގި ދުވަހުގެ މަންޒަރުތައް ފޮހެލާފައިވާ ކަމަށް 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ލަންކާ ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ސްރީލަންކާގެ ވެރިކަން ބަދަލުވެ އެ މައްސަލަ އަލުން ބެލުމަށް ކޮލޮމްބޯ ކްރައިމްސް ޑިވިޝަން (ސީސީޑީ)އިން މަސައްކަތް ފަށާފައިވާއިރު، ގައުމުން ފުރައިގެން ނުދެވޭ ގޮތަށް ރަނޯވޮކާއާއި އޭނާގެ ރަސްމީ ޑްރައިވަރުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.