ރާއްޖެއަށް ތަރައްގީ ބޭނުން ނަމަވެސް ދީނުގެ އުސޫލުތަށް ރައްޔިތުން ދޫނުކުރާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުން ތަރައްގީ ބޭނުން ވާ ކަމަށާއި، ނަމަވެސް ދީނާއި ބީރައްޓެހި ފަލްސަފާ ފަތުރަން ތާއީދު ކުރާ އެއްވެސް ފަރާތަކަށް މިފަހަރު ރައްޔިރުން ތާއީދު ނުކުރާނެ ކަމަށެވެ. އަދި ތަރައްގީގެ ދަޅަ އަކަށްވެސް އެ އުސޫލުތަށް ދޫ ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރުކަށި ފިކުރު ގެންގުޅޭ ކަމަށް ފާހަގަވާ ފަރާތްތައް އިންތިހާބު ވިޔަ ނުދިނުމަށް އެންޓި ކެމްޕޭން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާ ދަނޑިވަޅެއްގައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލަރުން އަހުލުވެރި ކުރުމަށް "ވިއަވަތި ރާއްޖެ" ގެ ނަމުގައި ބޭއްވި މަހާސިންތާގައި ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެއްވެސް ކައުންސިލަރަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެމްޑީޕީން ކުޑަވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ނަޝީދު ކޯފާ އިސްކުރައްވާ އެފަދައިން ވިދާޅުވީ ކޮންފަރެންސްއަށް ވަޑައިގެން ތިއްބެވި ބައެއް ކައުންސިލަރުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރައްދު ދެއްވުމުގެ ގޮތުންނެވެ.