އަންނަ އަހަރުވެސް ހުރިހާ ހޮނިހިރު ދުވަހު ކައިވެނިކޮށް ނުދޭން ފެމެލީ ކޯޓުން ނިންމައިފިއެވެ. އަންނަ އަހަރުގެ ރީތި ގިނަ ތާރީހުތައް ދިމާވަނީ ހޮނިހިރު ދުވަހަށެވެ.

ފެމެލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުގެ ވެސް، ހުރިހާ ހޮނިހިރު ދުވަހަކު ކައިވެނިކޮށް ނުދޭނެ ކަމަށެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އޭޕްރީލް މަހުގެ 23 ވަނަ ދުވަހާއި 24 ވަނަ ދުވަހު ވެސް ކައިވެނިކޮށް ނުދޭނެ އެވެ.

ފިތުރު އީދާ ގުޅިގެން މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހަކީ ވެސް ކައިވެނިކޮށް ނުދޭނެއެވެ. އަދި އަޟްހާ އީދާ ގުޅިގެން އޮގަސްޓް މަހުގެ ދެ ވަނަ ދުވަހާއި ތިން ވަނަ ދުވަހު ވެސް ކައިވެނި ނުކޮށްދޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ހޮނިހިރު ދުވަސްތަކުގައި ކައިވެނިކޮށް ނުދޭން ނިންމިއިރު، އެންމެ ރީތި ތާރީހުތައް ދިމާވަނި ހޮނިހިރު ދުވަހަށެވެ. އެގޮތުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަސް (4/4/2020)އާ ޖޫން މަހުގެ ހަ ވަނަ ދުވަސް (6/6/2020)އާ އޮގަސްޓް މަހުގެ އަށް ވަނަ ދުވަސް (8/8/2020)އާ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް (10/10/2020) އަދި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަސް (12/12/2020) ވެސް ދިމާވަނީ ހޮނިހިރު ދުވަހަކަށެވެ.

ނަމަވެސް އަންނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީހު ކަމަށްވާ ފެބްރުއަރީ މަހުގެ ދެވަނަ ދުވަސް (2/2/2020) ގައި ކައިވެނި ކުރަން ބޭނުން މީހުންނަށް އެ ތާރީހުގައި ކައިވެނި ކުރެވޭނެއެވެ.

އެ އިއުލާންގައި އަންނަ އަހަރު ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ގަޑިތައް ވެސް ވެއެވެ. އެގޮތުން ކޯޓުގައި ކައިވެނި ކޮށްދޭނެ ގަޑި ތަކަކީ ހެނދުނު 10 އިން 11:30 އަށް، މެންދުރުފަހު 1 އިން 1:30 އަށް އަދި ހަވީރު 4 އިން ރޭގަނޑު 9:30 އަށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށެވެ.