އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް (ކެބް)އަށް ގާނޫނީ ހައިސިއްތަތު ދީފައިވާއިރު، ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް (ސީއޭއޭ)އާއި ދެކޮޅަށް އެގައުމުގެ އެކި ހިސާބުތަކުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާތައް ވަރުގަދަ ކުރަމުންދާ ވަރަކަށް މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމަށް ފުލުހުންނާ ސަލާމަތީ ބާރުތަކުން ނިކުންނަނީ އެއަށްވުރެ ގަދަ ބާރާއެކުގައެވެ.
6 ވަނަ ދުވަހަކަށް މުޒާހަރާތައް ދިގުލާ ގޮސްފައިވާއިރު 6 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. ގިނަ އަދަދެއްގެ ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.
ހަތިޔަރާކާ ނުލާ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ އެއް ބަޔަކީ އިންޑިއާގެ ޖާމިޔާ މިލިއާ އިސްލާމިއާ (ޖޭއެމްއައި) ޔުނިވާސިޓީގެ ދަރިވަރުންނެވެ. މި ދަރިވަރުންނާ ކުރިމަތިލުމަށްވެސް އިންޑިއާގެ ސަލާމަތީ ބާރުތަކުން ނިކުތީ ގަދަ ބާރާއެކުގައެވެ. އަތުޖެހުނު މީހަކަށް ޖެހުނު ގޮތަކަށް އަނިޔާ ކުރަމުންދާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް މަންޒަރަކީ، އެ ޔުނިވާސިޓީގައި ކިޔަމުންދިޔަ ޝާހީން ނަމަކަށް ކިއާ ކުއްޖެއްގެ ގައިގައި އިންޑިއާ ފުލުހުން މުގުރުން ތަޅަމުންދިޔަ ދިއުން ހުއްޓުވުމަށް އެ ޔުނިވާސިޓީގައި ކިޔަވާ އަންހެން ކުދިންތަކެއް ނިކުމެ، އޭނާ ސަލާމަތް ކުރި މަންޒަރެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް މި ވީޑިއޯ ވައިރަލްވެފައިވާއިރު، ޝާހީން ސަލާމަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އާއިޝާ ރެނާއާއި ލަދީދާ ފަރުޒާނާއަކީ މިއަދު ކެބް މުޒާހަރާގެ ހަގީގީ ބަތޮލާއިން ކަމުގައި ގިނަ ބަޔަކު އިއްތިފާގުވެއެވެ.
ލަދީދާއާއި އާއިޝާއަށް އަދިކިރިއާ 20 އަކަށް އަހަރުވީއިރު، މި ދެކުދިންނަކީވެސް ޒަވާޖީ ހަޔާތެއް ފަށާފައިވާ 2 ކުދިންނެވެ. މުސްލިމުންގެ ހައްގުގައި މި ދެކުދިން ކުރަމުންދާ މަސައްކަތަށް 2 މީހުންގެ ފިރިންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބޭކަން އެ ދެކުދިން ފާހަގަކުރެއެވެ. މިއީވެސް އިންޑިއާއަށް ބަދަލުތަކެއް އައިސްފައިވާކަމުގެ މިސާލެކެވެ.
އިންޑިއާގެ ފުލުހުން ޝާހީންއަށް އަނިޔާ ކުރަމުންދިޔައީ މުގުރުން ކަމުގައި ވީ ނަމަވެސް، ބަޑިތައްވެސް ހުރީ އެމީހުންގެ އަތުގައެވެ. ފުލުހުންގެ ކިބައިން ސަލާމަތްވުމަށް ޖޭއެމްއައި ޔުނިވާސިޓީގެ ދަރިވަރުން ދުއްވައިގަތެވެ. އަދި ނުދަންނަ ގެއެއްގެ ތެރެއަށް ވަދެ ހިމާޔަތް ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް އެގޭގައި ހުރި އަންހެނަކުވެސް އެދުނީ އެމީހުން އެގެއިން ނިކުމެގެން ދިއުމަށެވެ. އެގޭ ދޮރުމަތިން ކަހަލަ ގޮތަކަށް އިންޑިއާ ފުލުހުންގެ ބާރުގެ ދަށަށް ޝާހީން ގެންދެއެވެ. އަދި އިހާނެތި ގޮތަކަށް އޭނާ ބިންމައްޗަށް ވައްޓާލައިގެން އޭނާއަށް އަނިޔާ ކުރަމުންދިޔައީ 6 އެއްކަ ފުލުހުންގެ ގުރޫޕަކުންނެވެ. އެމީހުން ތިބީވެސް މޫނު ނިވާ ކޮށްގެންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރުތަކަށް ބަލާއިރު، ޝާހީންއަށް ހަމަލާ ދެމުންދިޔަ ފުލުހުންގެ ތެރޭގައި ހަގީގަތުގައި ފުލުހުންނަށް ނިސްބަތް ނުވާ މީހަކުވެސް ހުރިކަމަށްވެއެވެ. ފުލުހުންގެ ހެލްމެޓް އަޅައިގެން ހުރި އެމީހާ ލައިގެން ހުންނަނީވެސް ފުލުހުންގެ ޔުނިފޯމެއް ނޫންކަން މަންޒަރުތަކުން ސާފުވެއެވެ.
ޝާހީންއަށް އަނިޔާ ލިބެމުންދާ މަންޒަރު ބަލަން ނުތިބެ ލަދީދާއާއި އާއިޝާ ދިފާއަށް ނިކުތީ އިތުރު ދެތިން އެކުވެރިންނާވެސް އެކުގައެވެ. ނުކުތް ގޮތަށް މުގުރާ ޝާހީންއާއި ދެމެދަށް އެކުދިންތައް ވަނެވެ. އަމިއްލަ ނަފްސަށް ބެލުމެއް ނެތިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެކުދިންވެގެން ޝާހީން ވަށާލިއެވެ. އެވަރުންވެސް ފުލުހުން މަޑުވާ ގޮތެއް ނުވެއެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ޝާހީންގެ ގައިގައި ތަޅަމުންދިޔައެވެ. އޭރު ޝާހީންގެ ހަށިގަނޑުން ލޭވެސް އާދެއެވެ.
ޝާހީން ސަލާމަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ލަދީދާ ބުނި ގޮތުގައި އެކަން ކުރަން އެމީހުން ފުރަތަމަ ނިންމީ ހަމަލާ ދޭން އައި ފުލުހުންގެ ތެރޭގައި އަންހެން ފުލުހަކު ނެތުމުން، އަންހެން ކުދިންނަށް އަނިޔާ ނުކުރާނެ ކަމަށް ބަލާފައެވެ. ނަމަވެސް ފުލުހުންގެ ރޫހަކަށް ބަދަލެއް ނާދެއެވެ. ޖެހުނު ގޮތަކަށް ޝާހީންގެ ގައިގައި ތަޅަމުންދިޔައެވެ. އާއިޝާއާއި ލަދީދާއާއި އެކު ޝާހީންގެ ދިފާއުގައި ނިކުތް އަންހެން ކުދިންގެ ގައިގައިވެސް ފިރިހެން ފުލުހުން ތަޅަމުންދިޔައެވެ.
ފުލުހުންނާ އެންމެ ފުރަތަމަ ކުރިމަތިލީ އާއިޝާއެވެ. ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެމުން ގޮސް ފުލުހުން ފަހަތަށް ޖެއްސިއެވެ. އޭރުވެސް އެސަރަހައްދުގައި ހުރި ވެހިކަލްތަކެއް އަނދަމުންދިޔައެވެ. ނަމަވެސް އެމީހުންގެ ބޮލުގައި އޭރު އޮތް ހަމައެކަނި ކަމަކީ އެކުވެރިޔާ ސަލާމަތްކޮށްދިނުމެވެ.
އަރަބި ލިޓްރޭޗާގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަމުންދާ ލަދީދާއާއި ތާރީހު އިލްމުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުންދާ އާއިޝާ ބުނާ ގޮތުގައި ފުލުހުން ދެކެ އެމީހުން ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. އެމީހުން ބިރު ގަންނަ ހަމައެކަނި ފަރާތަކީ ހެއްދެވި ފަރާތް ކަމަށާ، މާތް ﷲ ފިޔަވާ އެމީހުން ބިރުވެރިވާ އިތުރު އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް ލަދީދާއާއި އާއިޝާ ސާބިތު ކަމާއެކުގައި ބުނެއެވެ.