އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް (ކެބް)އަށް ގާނޫނީ ހައިސިއްޔަތު ދިނުމާ ގުޅިގެން މުޒާހަރާއަށް ނިކުތް ކިޔަވާ ކުދިންނާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން އާދަޔާ ހިލާފަށް ގަދަބާރު ބޭނުންކޮށްފައިވާކަން ފާހަގަކޮށް، ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖްކުމާރު ރާއޯ ނުރުހުން ފާޅުކޮށްފިއެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތް ގިނަ އަދަދެއްގެ ކުދިން ހައްޔަރުކުރުމާއެކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ރާޖްކުމާރު ރާއޯ ބުނީ، ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމަކީ ކޮންމެ ޑިމޮކްރަސީއެއްގައިވެސް ލިބިދޭ ހައްގެއް ކަމަށެވެ. އަދި ކިޔަވާ ކުދިންނާ ދެކޮޅަށް ފުލުހުން ހިންގި ޖަރީމާ ކުށްވެރި ކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑުއުފުލާ ބޮލީވުޑްގެ ފަންނުވެރިންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް، ރާޖްކުމާރު ރާއޯއަކީ، މިމައްސަލާގައި ދަރިވަރުންގެ ހައްގުގައި އަޑުއުފުލައިދިނުމަށް ބަތޮލާ ސަޔާނީ ގުޕްތާ ގޮވާލި ގޮވާލުމަށް އިޖާބަދިން ފުރަތަމަ ތަރިއެވެ.