މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަންގެ މަސައްކަތްތަކުގެ ތެރެއިން މިއަހަރު އެންމެ ކާމިޔާބުވި އެއް މަސައްކަތް ކަމަށްވާ، ފިލްމް 'ސުޕާ30' ގެ ހޮލީވުޑްގެ ރީމެކެއް ހަދާ ކަމުގެ ޚަބަރު ފެންމަތިވެއްޖެއެވެ.
ކަމާބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 'ސުޕާ30' އަކީ މި ފަހުގެ ތާރީހުގައި އިންޑިއާގެ ސިނަމާއަކުން ފެނުނު އެންމެ އާދަޔާ ހިލާފު ވާހަކައެވެ. އިންޑިއާގެ ވާހަކަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު ފިލްމް 'ސުޕާ30'އަކީ މިކަމަށް އެންމެ ހައްގު ފިލްމުކަމަށްވެސް ބުނެވެއެވެ.
'ސުޕާ30'ގެ ހޮލީވުޑް ރީމޭކް ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މަޝްހޫރު ކުންފުންޏަކުން ކަމަށްވާއިރު އިނގިރޭސި ފިލްމުގެ ސްކްރިޕްޓް ލިޔާނީ ސަންޖީވް ދައްތާ ކަމަށާ، މިއީ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައި އޮތް ފިލްމެއް ކަމުން އާނަންދް ކުމާރުގެ ދައުރެއްވެސް ހޮލީވުޑް ރީމޭކްގައި އޮންނާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.
ވިކާސް ބާލް ޑައިރެކްޓްކުރި ފިލްމް 'ސުޕާ30' ގެ ވާހަކަ ބިނާކޮށްފައިވަނީ، އައިއައިޓީ އިމްތިހާނުގައި ބައިވެރިވުމަށް އިލްމު އުނގެނޭނެ ފުރުސަތު، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ލިބިފައި ނެތް ކުރިންނަށް ހާއްސަކޮށްގެން ބިހާރުގައި ޓިއުޝަން ސެންޓަރެއް ހިންގި އާނަންދް ކުމާރުގެ މަސައްކަތްތަކަށެވެ.