ޗައިނާގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅެމުންދާ ޝީންޖިއާންގް ސަރަހައްދު ހަމަ ލޮލުން ބަލާލުމަށް އެސަރަހައްދަށް ޒިޔާރަތްކުރުމުގެ ދައުވަތު، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެސޫތު އޮޒިލްއަށް ދީފައިވާނެ ކަމަށް ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާޅުވެއްޖެއެވެ.

ވީގޫރު މުސްލިމުންނާ މެދު ޗައިނާއިން އަމަލުކުރަމުންދާ އިހާނެތި ގޮތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް މުސްލިމު ކުޅުންތެރިޔާ އޮޒިލް ވާހަކަދައްކާފައިވަނީ، 'ދޮގު ޚަބަރު'ގެ ސަބަބުން ހަގީގަތް އޮޅިފައި އޮތުމުން ކަމަށްވެސް ޗައިނާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި އޮޒިލް ބުނެފައިވަނީ ވީގޫރު މުސްލިމުންނަކީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ބަތޮލުންތަކެއް ކަމަށެވެ. އަދި މިކަމުގައި ޗައިނާއިން އަމަލުކުރަމުންދާ ގޮތާ މެދު އިސްލާމީ އުއްމަތް ހިމޭނުން އޮތަތީ އެކަމަށް އޭނާ ވަނީ ފާޑުކިޔާފައެވެ.

އޮޒިލްގެ މި ޕޯސްޓާއެކު ޗައިނާގެ ސީސީޓީވީއިންވަނީ މެންޗެސްޓާ ސިޓީއާއި ދެކޮޅަށް އޮޒިލްގެ އާސެނަލް ނިކުންނަން އޮތް ޕްރިމިއާ ލީގުގެ މެޗުގެ ޓެލެކާސްޓްވެސް ޝެޑިއުލްއިން ނަގާފައެވެ.

ކަންމިހެން އޮތްއިރު، ޑިސެމްބަރު މަހުގެ 11 އާއި ހިސާބުން އޮޒިލްގެ ރަސްމީ ޓްވިޓާ ހޭންޑްލްއިން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޝީންޖިއާންގް ސަރަހައްދުގައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ބަންދުކޮށްގެން ގެންގުޅޭ މުސްލިމުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ސެކިއުރިޓީ އެންމެ ވަރުގަދަކޮށްފައިވާ ޖަލުތަކުގައި މިމީހުން ގެންގުޅެމުންދަނީ ޝަރިއަތް ހިންގަމަކާ ނުލާ، ގާނޫނީ އިމުން ބޭރުން ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް ޗައިނާގެ ރާގު ތަފާތެވެ. ޗައިނާއިން ބުނާ ގޮތުގައި ޝީންޖިއާންގްގައި ހިންގަނީ ވޮކޭޝާނަލް ތަމްރީނުދޭ މަރުކަޒުތަކެކެވެ.