ކާޕެޓް މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދިފާއުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ތެދުވެއްޖެއެވެ.

މޮރޮކޯ އިން ހަދިޔާކުރި ކާޕެޓް ފޮރިން މިނިސްޓަރު ގެއަށް ގެންދެވި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ ކާޕެޓް ފޮރިން މިނިސްޓްރީގައި އޮތްތޯ ބެލުމަށް އިންފޮމޭޝަން ކޮމިޝަނަރު އެ މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވުމަށްފަހު ވަނީ އެ ކާޕެޓާ އެކު ފޮޓޯ އެއް ނަންގަވައި ޓްވީޓެއް ކުރައްވައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފޮރިން މިނިސްޓަރު ގެއަށް ގެންދެވި ކަމަށް ތުހުމަތު ކުރި ކާޕެޓް ފޮރިން މިނިސްޓްރީގެ ގުދަނުގައި އެބަ އޮތް ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު، ފޮރިން މިނިސްޓަރުގެ ދިފާއުގައި ތެދުވެވަޑައިގަތުމުން އޭނާއަށް ވަނީ އާންމުންގެ ފާޑުކިއުން އަމާޒުވެފައެވެ.

މޮރޮކޯގެ ބޮޑު ވަޒީރު، ޑރ. ސާދު ރާއްޖެއަށް އަގުބޮޑު ކާޕެޓެއް ހަދިޔާކުރެއްވީ، މިނިސްޓަރު ޝާހިދު ދާދި ފަހުން އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. މިފަދަ ދަތުރުތަކުގައި ދޭދޭ ގައުމުތަކުން ހަދިޔާ ބަދަލު ކުރުމަކީ ޕްރޮޓޮކޯލްގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މި ކާޕެޓަކީ ވެސް އެގޮތުގެ މަތިން މޮރޮކޯއިން ދީފައިވާ ހަދިޔާއެއްކަން ފޮރިން މިނިސްޓްރީން ފާހަގަ ކޮށްފައި ވާއިރު، އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މޮރޮކޯއިން ހަދިޔާކުރި ކާޕެޓްގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

މޮރޮކޯއިން ހަދިޔާކުރި ކާޕެޓް، ފޮރިން މިނިސްޓަރު ގެއަށް ގެންދެވި ކަމަށް ބުނެ ވާހަކަތައް ފެތުރިފައިވާއިރު، ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ދަނީ އެކަމަށް ޖޯކު ޖަހަމުންނެވެ.