މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 42 ވަނަ މާއްދާގައި ވާފަދައިން އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް ގަވާއިދުން ހުށަހަޅަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، މައުލޫމާތު ހާމަކުރުމުގައި އެންމެ ފަހަތުގައި އުޅެނީ ޝަރުއީ ދާއިރާކަމަށާއި، ޝަރުއީ ދާއިރާއިން ހުށަހަޅަން ޖެހޭ އަހަރީ ރިޕޯޓް އެންމެ ފަހުން ހުށަހަޅާފައިވަނީ 2014 ވަނަ އަހަރު ކަމަށް އިސްފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ހަވާލާދީ ބައެއް މީޑިއާތަކުން ޝާއިއުކުރި ހަބަރު ދޮގުކޮށްފައެވެ. އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް މިފަދަ މައުލޫމާތު އާންމު ނުކުރުމަށް އެ ޑިޕާޓްމަންޓުން އިލްތިމާސްކޮށްފައިވެއެވެ.
ޑީޖޭއޭން ބުނީ، ޝަރުއީ ދާއިރާއިން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް އީމެއިލް ނުވަތަ ޖެމްސް މެދުވެރިކޮށް އެ ޑިޕާޓްމަންޓުން ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާ ފޯމު 2017 ވަނަ އަހަރު ޖެނުއަރީ މަހު ހުށަހަޅާފައިވާއިރު، 2017 ވަނަ އަހަރުގެ ފޯމު 2018 ވަނަ އަހަރު ޖެނުއަރީ މަހު ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭން ބުނެއވެެ. ޑީޖޭއޭން ބުނީ 2018 ވަނަ އަހަރުގެ ރިޕޯޓް ހުށަހަޅާ ފޯމު ވެސް ވާނީ މިއަހަރު ޖެނުއަރީ މަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައި ކަމަށެވެ.
ޑިޖޭއޭން ބުނީ، އިންފޮމޭޝަން ކޮމިޝަނަށް އަހަރީ ރިޕޯޓް ހުށަހަޅާ ފޯމު އެ ކޮމިޝަނަށް ފޮނުވަނީ، އެ ފަދަ ފޯމެއް ތައްޔާރުކޮށް، ފުރިހަމަ ކުރުމަށްފަހު ޖެމްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުމުން އެއީ އަހަރީ ރިޕޯޓް ފޮނުވުނީ ކަމަށް އިންފޮމޭޝަން ކޮމިޝަނުން އަންގާފައިވާތީ ކަމަަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަން ޖެހޭނެ ކަމާށާއި ކޮންމެ އިދާރާއަކުން ވެސް މައުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2014 ވަނަ އަހަރު ނޮވެމްބަރު މަހު ނިންމަވާފައި ވަނީ، ޝަރުއީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރަކާއި އެންމެ މުރާޖައާ ކޮމިޓީއަކުންނެވެ. އަދި މިހެން ނިންމާފައިވަނީ ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ އިދާރީ ކަންކަމާއި ތަފާސްހިސާބުތަުގެ މައުލޫމާތު ބަލަހައްޓަމުން ގެންދަނީ ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމަށްވާތީ ކަމަށް ޑީޖޭއޭން ބުނެއެވެ.