ލޯކަލް ކައުންސިލް އިންތިހާބުގައި، ކައުންސިލަރުންގެ އަދަދު ކަނޑައަޅާނީ ރަޖިސްޓާ ކުރެވިފައި ވާ އާބާދީއަށް ބަލާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.

އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވަން ނިންމާފައި ވާއިރު، ކައުންސިލް ތަކަށް އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ، 15 ޑިސެމްބަރު 2019 ގެ ނިޔަލަށް ސިޓީ އަދި ރަށްތަކުގައި ރަޖިސްޓާ ކުރެވިފައި ވާ އާބާދީއަށް ކަމުގައި އީސީ ގެ 542 ވަނަ އާންމު ޖަލްސާގައި ނިނަމާފައި ވާ ކަމަށެވެ.

އަންނަ އަހަރުގެ ކައުންސިލް އިންތިހާބުގައި، ކައުންސިލްތަކުގެ ތިންބައި ކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަށް ކުރަމުން ދާއިރު، ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ 6 ގޮނޑި ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 4 ގޮނޑި ހިމެނޭއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 2 ގޮނޑި ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގެ ހިންގުމުގެ ނިޒާމުގައި އަންހެނުންގެ ދައުރު އަދި ހިއްސާ މީން ދުވަހަކު ނެތް ވަރަށް މިފަަރު ހިމެނިގެން ދާނެއެވެ.

ސަރުކާރުގެ ލާމަރުކަޒީ ނިޒާމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.