ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް އިދިކޮޅު ޕާޓީ ޕީިޕީއެމާއި ޕީއެންސީއިން ހާމަކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަންނަ ލޯކަލް ކައުންސިލް އިންތިހާބްގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު ވާދަ ކުރައްވާނެ ކަމަށެވެ. އަދި މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ މާލެއަށް ވަރަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށާއި އަދި އެ ބަދަލު ގެނެވެން އޮތީ މާލެ "މުއިއްޒު" ކޮށްގެން ކަމަށެވެ. އަދި ކޮންމެ ގޮތެއް ހަދައިގެންވެސް މާލެ "މުއިއްޒު" ކުރަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ. ޑރ. މުއިއްޒުގެ ސްލޯގަން ނުވަތަ ޝިއާރު އިއުލާން ކުރައްވަމުން އަދުރޭ ވިދާޅުވީ ޝިއާރަކީ ޑރ. މުއިއްޒު "މާލެ މުއިއްޒުކުރުން" ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އެ ޕާޓީން ވަރަށް ރަނގަޅަށް މިހާރު ތައްޔާރުވެ ވަރަށް ފޯރިއާއި ޖޯޝާއެކު އިދާރީ މަސައްކަތްތައް ކުރިއަަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ކެމްޕޭނަށް ރަށްރަށަށް ދަތުރުތައް ފަށާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ހުރިހާ ގޮނޑިއަކަށް ވާދަ ކުރަން ނިންމައިފައި ވާއިރު ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ވަނީ ޕީޕީއެމްއިން ކަމަށްވެސް އިދިކޮޅުން ވަނީ ހާމަކޮށްފައެވެ.